ޕެންޝަން ފައިސާއިން ހައްޖަށް ދިއުމުގެ ޝަރުތު ފުރިހަމަވާ 24،000 އެއްހާ މީހުން އެބަތިބި: ޕެންޝަން އޮފީސް.

ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ޖަމާވެފައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ޝަރުތު ފުރިހަމަވާ 24،000 އެއްހާ މީހުން މިހާރު ވެސް ރާއްޖޭގައި އެބަތިބި ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަދަދަށް މީހުން ޝަރުތު ހަމަވި ނަމަވެސް، 2019 ވަނަ އަހަރު މި ފުރުސަތު ހުޅުވާލި ފަހުން މިހާތަނަށް މި ސްކީމުގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރެވިފައިވަނީ އެންމެ 369 މީހުންނަށެވެ.
ޕެންޝަން ފައިސާ މެދުވެރިކޮށް ޙައްޖަށް ދިއުމުގެ މައިގަނޑު ޝަރުތަކީ، އެމީހެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުރުމެވެ. މި އުސޫލާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް ޢަބްދުﷲ މުޢާޒު ވިދާޅުވީ، ޕެންޝަން އެކައުންޓުގައި މިވަގުތު އެ އަދަދު ހަމަނުވި ނަމަވެސް، ހައްޖުގެ ޖުމުލަ އަގު ކަމުގައިވާ 69،965 ރުފިޔާގެ 75 އިންސައްތަ އަމިއްލައަށް ދައްކައިގެން ކިޔޫގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މީގެއިތުރުން، އެމީހަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ އަހަރާ ހަމައަށް ޕެންޝަން ފަންޑުގައި 336،000 ރުފިޔާ ހަމަވެއްޖެނަމަ، އެ ފައިސާ ހައްޖު ދަތުރަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މުޢާޒު ވިދާޅުވިއެވެ. އަދި މިފަދަ ހާލަތްތަކުގައި، އަމިއްލަ ހަރަދުގައި ކުރިން ދެއްކި ފައިސާގެ ތެރެއިން 20 އިންސައްތަ ޕެންޝަން ފަންޑަށް ޖަމާކުރުމަށްފަހު، ބާކީވާ ފައިސާ އެމީހަކަށް އަނބުރާ ރައްދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި ގޮތުގައި މިއީ ޕެންޝަން ފަންޑުގެ އެހީތެރިކަމާއެކު، ފަރުޟު ހައްޖުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރުމަށް ރައްޔިތުންނަށް ފަހިވެގެންދިޔަ އަގުހުރި އަދި އެހާމެ ބޭނުންތެރި ލުޔެކެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ މެންބަރުންގެ ތެރެއިން އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު ގެޒެޓުކޮށް، އެއަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

އަލަށް އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެންބަރުން ހައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. އަދި ދަތުރުގެ އަގުގެ ބާކީ 80 އިންސައްތައަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އެ ފައިސާ ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް ދާނީ އިންވެސްޓްކުރެވެމުންނެވެ.
މީގެއިތުރުން، ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާގެ އަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން ހައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ހައްޖަށް ދިއުމަށް ފައިސާ ދައްކާތާ 3 އަހަރު ވެފައިވާ، އުމުރުން 70 އަހަރުން މަތީގެ 324 މީހަކު އަންނަ އަހަރު ސަރުކާރުން ހައްޖަށް ފޮނުވުމަށް ނިންމަވާފައިވާކަން ވެސް އިއުލާނު ކުރައްވާފައެވެ.