ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ހުކުރު ޚުޠުބާ

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށާއި، ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން“ މި މަޢުޟޫއަށެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި އިންސާނުންގެ މައްޗަށްވާ ﷲ تَعَالَىގެ ނިޢުމަތްތަކަކީ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކެކެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުމެވެ. އަދި މިއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ، ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން، ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭކަމާއި، ނިޢުމަތްތަކަށް ފުރަގަސްދިން ބަޔަކަށް ގަދަފަދަ ޢަޛާބު ދެއްވާނޭކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެނގޭކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހުމިއްޔަތެއް ދީފައިވާ ކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް ދީނުގައި އަމުރުކުރައްވާފައިވާކަން ބަޔާންކުރައްވަމުން، ތިމާ ދަތިޙާލުގައި ވަނިކޮށް ﷲގެ ފަޟުލުވަންތަކަމުން ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް، އެ ފަދަ ވާހަކަތައް މީހުންނަށް ކިޔައިދިނުމަކީ ވެސް ނިޢުމަތަށް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ޢިލްމުވެރީން ވިދާޅުވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ދިރިއުޅުމުގައި ޝުކުރުވެރިވުމުގެ ސިފަ ދެމެހެއްޓޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، ދުންޔަވީ ކަންކަމުގައި ތިމާއަށް ވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ތިމާއަށް މާތް ﷲ ދެއްވި ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކުރަންޖެހޭ ކަމަށެވެ. އަދި އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ނިޢުމަތްތަކަށް ރައްކާތެރިވާންޖެހޭ ކަމަށްވެސް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ނިޢުމަތްތަކަށް ޝުކުރުވެރިވުން ފުރިހަމަވަނީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނޫން ކަމަށާއި، އިންސާނާގެ ހިތާއި ދުލާއި ގުނަވަންތައް އެ ކަމުގައި ޝާމިލުކޮށް، ޚާލިޤުވަންތަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމުގައި އެ ނިޢުމަތްތައް ހޭދަކޮށްގެން ކަމަށެވެ.