މި ދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެކަމަށް އާންމުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބަޔާންކޮށްފައިވަނީ، މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހިގެން ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީ ވައިގެ ތެރެއިންނާއި ނޭވާލާ ނިޒާމުގެ ޒަރީއާއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބަލިތަކަކަށްވާތީ، މި ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.
މިގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، އަމިއްލަ ރައްކާތެރިކަމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އޭގެ ތެރޭގައި:
ސައިބޯނި ލައިގެން ގިނަގިނައިން އަދި ރަނގަޅަށް އަތް ދޮވުން.
ރޯގާގެ އެއްވެސް އަލާމާތެއް ފެންނަން ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުން.
ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން (އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުން) ބޭރަށް ނުކުންނައިރު އަދި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އަޅައިގެން އުޅުން.
އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ކުޑަކުދިންނާއި ބަލި މީހުންގެ ގާތަށް ޒިޔާރަތް ނުކުރުން.
ރޯގާޖެހި ބަލި ދިގުލައިގެންދާނަމަ ނުވަތަ ބަލީގެ ހާލަތު ގޯސްވާނަމަ، ލަސްނުކޮށް ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން.
އެޗްޕީއޭއިން ވަނީ މިފަދަ ރޯގާތައް ފެތުރޭ ދުވަސްވަރު، އެންމެންގެ ރައްކާތެރިކަމަށްޓަކައި އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.