ރާއްޖޭގައި 7،000 އަށް ވުރެ ގިނަ މީހުން ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި، މިއީ ރާއްޖޭގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބަލި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގައިންގަޔަށް ނާރާ ބަލިތަކަކީ މިހާރު ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ ގާތްގަނޑަކަށް 85 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށްވާއިރު، އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބަކީ ހަކުރު ބައްޔެވެ.
ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ ހިސާބުތަކަށް ބަލައި މިދިޔަ އޮކްޓޯބަރު މަހުގެ 30 ގެ ނިޔަލަށް އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޓައިޕް 1 ގެ ހަކުރު ބައްޔަށް 300 މީހުން އަދި ޓައިޕް 2 ގެ ހަކުރު ބައްޔަށް 7،000 މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ އިތުރުން، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދާ ކަމަށް ވެސް ރެކޯޑުތަކުން ދައްކައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން ނުއުފެއްދުމުގެ ސަބަބުން ޓައިޕް 1 ޖެހޭއިރު، ޓައިޕް 2 ގެ ހަކުރު ބަލި މެދުވެރިވަނީ ބަރުދަން މާބޮޑަށް އިތުރުވެ ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ހަށިގަނޑުގައި އުފައްދާ އިންސިއުލިން އެދެވޭ ގޮތުގައި ބޭނުންނުކުރެވޭތީއެވެ. އަދި ދިރިއުޅުމުގެ ނުރަނގަޅު ވައްޓަފާޅީގެ ސަބަބުން ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮތްކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.
މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ކެއުމުގެ މިންވަރަށް ސަމާލުވުމުގެ އިތުރުން ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަކީ ނުހަނު މުހިންމު ކަމެކެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ އާއިލާގައި މި ބަލި ހުރިނަމަ ދުރާލައި ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. ސްޓެޕް ސާވޭގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ 35.6 ޕަސެންޓު ފިރިހެނުން އަދި 7.6 ޕަސެންޓު އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ”ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031“ ގެ ދަށުން، ބަލިން ރައްކާތެރިވުމަށާއި ދުރާލައި ދެނެގަތުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެގޮތުން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމުގެ ތެރެއިން ސްކްރީނިންގެ ކަންކަން ހަރުދަނާކޮށް، ބަލީގެ ނުރައްކާ އޮތް މީހުން އަވަހަށް ދެނެގަތުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ.
މިއަހަރުގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ’ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް‘ ރަސްމީކޮށް ތައާރަފް ކުރުމުގެ އިތުރުން، އާންމުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހާއްސަ ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.