މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް ދެ އަހަރު ސަރުކާރާއެކު މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ޢަދާލަތު ޕާޓީގެ ދެމެދުގައި ރަސްމީކޮށް މިއަދު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މާލޭގެ ބާރސެލޯ ނަސަންދުރާގައެވެ. ޕީއެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާންއެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ އަދި އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޕާޓީއަކުން މި ޕާޓީއާއެކު ކޯލިޝަނެއް ހެދުމަށް އެއްބަސްވުމުން ދޭހަކޮށްދެނީ ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް ކުރައްވަމުން ގެންދަވާ އިތުބާރު ކަމަށެވެ.
”މީގެން ދައްކުވައިދެނީ ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިއްބަސް، ގައުމުގެ ބޮޑުބައި ހަރުދަނާ، ހޭލުންތެރި، ވިސްނުންތެރި، ބުއްދިވެރި މީހުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކީގަކަން. އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކޮށްގެންކަން. އެމަނިކުފާނަށް ތާއީދު ދެއްވަންކަން،“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާން ދެއްކެވި ވާހަކަފުޅުގައި، އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި، ޒަކާތު ފަންޑު އިތުރަށް ތަރައްގީކުރުމަށާއި، ތައުލީމީ ދާއިރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ އިތުރުން ގައުމަށާއި ދީނަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ސަރުކާރާއެކު މަސައްކަތް ކުރަން މި ނިންމީ، އަދުލުވެރިކަމާ އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިގުތިޞާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތުތައް ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލް ބިނާކުރާނެ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް،“ ޝައިޚް ޝިފާން ވިދާޅުވިއެވެ.
ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މި ސޮއިކުރެވުނީ، ހިނގަމުންދާ ދައުރުގެ ބާކީ މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައި ގަރާރެއް ފާސްކުރުމާ ގުޅިގެންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަދާލަތު ޕާޓީން ފާސްކުރި ގަރާރުގައި ބަޔާންކޮށްފައިވަނީ، އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަގީދާއާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ އެ ޕާޓީގެ މައިގަނޑު މަގުސަދު ކަމަށެވެ. އަދި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި، ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތު ގަބޫލުކޮށް ގުޅިގެން މަސައްކަތްކުރުމަކީ މިވަގުތު ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.