ސަރުކާރުގެ 3 އަހަރުގެ ކާމިޔާބީތައް ހިމެނޭ ޚާއްޞަ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވައިފި.

ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ތަފުސީލު ހިމަނައިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ފޮތެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ނެރެދެއްވައިފިއެވެ.
މި ފޮތް ނެރެދެއްވާފައިވަނީ، މި ސަރުކާރަށް 3 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ފޮތުގައި ވޭތުވެދިޔަ 156 ހަފުތާގެ ތެރޭގައި ސަރުކާރުގެ އެކި ދާއިރާތަކުން ހާސިލުކޮށްފައިވާ ކަންކަމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފުސީލީ މަޢުލޫމާތުތައް ވަނީ ފުރިހަމައަށް އެކުލަވާލާފައެވެ.
ފޮތް އިފްތިތާޙު ކޮށްދެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީގެ ދެ އަހަރާ ޚިލާފަށް މިދިޔަ ތިން އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ބަލައިލެވޭނެ އިންތިޒާމު މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. އެގޮތުން، ކޮންމެ ބޭފުޅަކަށްވެސް އަމިއްލަ ފޯނަށް ޑައުންލޯޑު ކޮށްގެންނާއި، ވެބްސައިޓު މެދުވެރިކޮށް ޑިޖިޓަލްކޮށް މި ފޮތް ކިޔައިލެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިރެއިން ފެށިގެން މި ފޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ފަރާތަކަށްވެސް މުޅިން ހިލޭ ޑައުންލޯޑު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ފޮތަކީ ސަރުކާރުގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ރައްޔިތުންނާ ހަމައަށް ހާމަކަން ބޮޑު ގޮތެއްގައި ގެނެސްދިނުމުގެ މަޤްޞަދުގައި ނެރުނު ފޮތެކެވެ.