ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަނީ، ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި.

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މި ދުވަސްވަރު ވިއްސާރަވެ ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެންމެ ގިނައިން މަދިރި އާލާވާކަމަށް ފާހަގަކުރެވެނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާނގީގެ އިތުރުން، އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، ޓަޔަރާއި، އެއްލާލާފައި ހުންނަ ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގައެވެ. އެހެންކަމުން ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އާންމުންނާއި ކައުންސިލުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.
ޑެންގީ ހުން ޖެހިއްޖެނަމަ މަދިރި ދަތްއަޅާތާ 2 ދުވަހާއި 7 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެއެވެ.
ޑެންގީގެ އާންމު އަލާމާތްތައް:

  • 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަވުން
  • ގަދަޔަށް ބޮލުގަޔާއި ގައިގައި ރިއްސުން
  • ލޮލުގަޔާއި ލޮލުގެ ވަށައިގެންވާ ސަރަހައްދުގައި ރިއްސުން
  • ގައިގައި ރަތް ބިހިތަކެއް ނެގުން
  • ހުޅުހުޅުގައި ރިއްސުމާއި ހުޅުތައް ދުޅަވުން
  • ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން
  • އާދަޔާ ޚިލާފަށް ވަރުދެރަވުން
  • ހަށިގަނޑުގެ އެކި ތަންތަނުން (ހާއްސަކޮށް ނޭފަތުން، ހިރުގަނޑުން އަދި ހަންގަނޑުން) ލޭ އައުން

މި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން އެޗްޑީސީ، އެފްޑީސީ، ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން އެކި ސަރަހައްދުތަކުން ކުނި ނަގައި، މަދިރި އާލާވާ ތަންތަން ނައްތާލައި ފޮގު ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.
ޑެންގީ ހުން ފެތުރުން ހުއްޓުވުމަށް މުއައްސަސާތަކުން މަސައްކަތް ކުރަމުންދާއިރު، ފަރުދީ ފެންވަރުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުމާއި، މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ. އަދި ޑެންގީ ޖައްސާ ”އީޑިސް“ މަދިރިއަކީ އާންމުކޮށް ދުވާލު ދަތްއަޅާ މަދިރިއަކަށް ވާތީ، ޚާއްސަކޮށް ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ގޭތެރޭގައާއި ގޯތިތެރޭގައި ފެން ހަރުލާ ތަންތަން ގަވާއިދުން ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޞިއްޙީ މާހިރުން އިތުރަށް ވިދާޅުވާ ގޮތުގައި ޑެންގީ ހުން ޖެހިއްޖެނަމަ ގޭގައި ރަނގަޅަށް އަރާމުކުރުމަށާއި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން މުހިންމެވެ. އަދި ޑޮކްޓަރެއްގެ ލަފައެއް ނެތި ޕެރެސެޓަމޯލް ފިޔަވައި އެހެން އެއްވެސް ތަދުކަނޑުވާ ބޭހެއް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. ބަލިމީހާގެ ހާލަތު ގޯސްވާނަމަ ނުވަތަ 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން ދެމިގެންދާނަމަ، ލަސްނުކޮށް ސިއްހީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.