ރިވެތި އަޚްލާޤީ ސިފަތަކުގެ ތެރެއިން ކެތްތެރިކަމަކީ ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފްސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭނެ މަތިވެރި ސިފައެއް ކަމަށާއި، ކެތްތެރިންނަށް ﷲ ތަޢާލާ އަޖުރު ދެއްވާނީ އެއްވެސް ޙިސާބަކާ ނުލައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ ”އިސްލާމްދީނަކީ ރިވެތި އަޚްލާޤުގެ ދީން“ މި މައުޟޫޢަށެވެ.
ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީން ބާވައިލެއްވިފައިވަނީ އިންސާނާއަށް ރިވެތި އަޚްލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށެވެ. އެގޮތުން، ރިވެތި އަޚްލާޤުގެ ސަބަބުން ރޭއަޅުކަންކޮށް، ސުންނަތް ރޯދަ ހިފުންމަތީ ދެމިހުރި މީހެއްގެ ދަރަޖައަށް ވާސިލުވެވޭނެކަމަށް، އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ޙަދީސްފުޅެއް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން، ޤިޔާމަތް ދުވަހު ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚްލާޤަށްވުރެ ބަރު އެހެން އެއްވެސް އެއްޗެއް ނުވާނެކަމަށް މާތް ނަބިއްޔާ ﷺ ޙަދީސްކުރައްވާފައިވާ ބަސްފުޅުވެސް ވަނީ ގެންނަވާފައެވެ. ނަމަވެސް، މިފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ސިފަތަކަކަށް ވީހިނދުވެސް، މިއަދު ބައެއް މީހުންގެ ފަރާތުން އެފަދަ ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއްކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ރިވެތި އަޚްލާޤީ ސިފަތަކުގެ ތެރެއިން ކެތްތެރިކަމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޚުތުބާގައި ވިދާޅުވީ، ކެތްތެރިކަމަކީ އިންސާނާ ނުބައި އެދުންތަކުން ދުރުހެލިކޮށްދޭ އައްޑަނައެއް ކަމަށެވެ. އަދި އައްޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގެ އަލީގައި، ދުނިޔެމަތީގައި ކުރިމަތިވާ އެކިއެކި އިމްތިޙާނުތަކަށް ކެތްތެރިވާ މީހުންނަށް، އެމީހުންގެ ދަރުމަ ދެއްވާނީ އެއްވެސް ޙިސާބެއް ނެތި ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގައި އުޅޭއިރު ދިމާވާ ކޮންމެ ދަތި އުނދަގުލަކީ ކޮންމެވެސް އިންސާނެއްގެ ސަބަބުން ދިމާވި ބަދުނަސީބެއްކަމަށް ދެކި، މީސްތަކުންނާ މެދު ނުބައި ހީތައްކޮށް، ހިތް ނުބައިކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އެހެނީ ﷲ ތަޢާލާ އަޅުގަނޑުމެން އެކި ގޮތްގޮތުން އިމްތިޙާނުކުރައްވާނެކަން އަލްބަޤަރާ ސޫރަތުގެ 155 އިން 157 އަށް ބަޔާންކުރައްވާފައިވާ ކަމަށާއި، އެފަދަ އިމްތިޙާނުތަކަށް ކެތްތެރިވާ މީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.
އެހެން މީހުންނާ މުޢާމަލާތުކުރުމުގައިވެސް ރިވެތި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަން ބަޔާންކުރައްވަމުން، މޫސާގެފާނާއި ހާރޫނުގެފާނު އަނިޔާވެރި ފިރުޢައުނުގެ ގާތަށް ފޮނުއްވި ހިނދުވެސް، އެ ޖައްބާރު މީހާއާ މަޑުމައިތިރިކަމާއެކު ރިވެތި ގޮތުގައި މުޢާމަލާތުކުރުމަށް ﷲ ތަޢާލާ އެންގެވިކަން ޚުތުބާގައި ގެންނެވިއެވެ.
ޚުތުބާ ނިންމަވާލައްވަމުން ވިދާޅުވީ، ﷲ އާއި އެކަލާނގެ ރަސޫލާ ދެއްކެވި ތެދުމަގުގައި ސީދާވެ ދެމިތިބުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އަދި ތަހުޒީބީ ގޮތުން މުޖުތަމަޢެއް ކުރިއަރައިދިޔުމުގެ އެންމެ މުހިންމު އަސާސަކީ ރިވެތި އަޚްލާޤު ކަމަށާއި، މުސްލިމުންގެ ފަޚުރުވެރި މާޒީގައި ޢިލްމާއި ފަންނުގައި ކުރިއަރައިދިޔަ ފަދައިން ރިވެތި އަޚްލާޤުގައިވެސް ލާމަސީލު މިސާލުތަކެއް ދައްކާފައިވާތީ، މިއަދުވެސް އަޅުގަނޑުމެން އެ މަގުން މަސައްކަތްކުރުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.