ގޮހޮރު ބެދުމުގެ ސީރިއަސް މައްސަލައަކާ ގުޅިގެން ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ އައިސީޔޫގައި އެޑްމިޓްކޮށްފި.

ބްރެޒިލްގެ ކުރީގެ ރައީސް ޖްއިރް ބޮލްސޮނާރޯގެ ގޮހޮރު ބެދުމުގެ ސީރިއަސް މައްސަލައެއް ދިމާވެ، އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
އުމުރުން 71 އަހަރުގެ ބޮލްސޮނާރޯއަށް ފަރުވާދެމުންދާ ޑީއެފް. ސްޓާ ހަސްފަތާލަށް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ހަސްފަތާލުގައި އެޑްމިޓްކުރީ ބަނޑުގައި ގަދައަށް ރިއްސާތީ ވޭތުވެދިޔަ ހުކުރު ދުވަހުއެވެ. އެ ހަސްފަތާލުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮލްސޮނާރޯގެ ބަނޑަށް ހޮޅިއެއް ލައްވައިގެން ފެނާއި ކާނާ ދެމުން އަންނަ ކަމަށެވެ. އަދި މިވަގުތު އޭނާގެ ހާލަތު ސްޓޭބަލްވެ ހޭވެރިކަން ހުރި ނަމަވެސް، ހަސްފަތާލުން ދޫކޮށްލާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މިކަމާ ގުޅިގެން ބޮލްސޮނާރޯގެ ދަރިކަލުން އަދި އިންތިހާބީ ސެނެޓަރު ކާލޮސް ބޮލްސޮނާރޯ މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، ބައްޕާފުޅުގެ ހާލަތު ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތެވެ. ނަމަވެސް، ނޭފަތުން ބަނޑަށް ލައްވާފައިވާ ހޮޅި މެދުވެރިކޮށް ކާބޯތަކެތި ދިނުމާއި މޭނުބައިކުރުމުގެ ސަބަބުން ވަރަށް އުނދަގޫ ރެއެއް ވޭތުކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. ކާލޮސް އިތުރަށް ވިދާޅުވީ، މިއީ ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި ބައްޕާފުޅު ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ 10 ވަނަ ސާޖަރީއަށް ވެދާނެ ކަމަށާއި، އެއްވެސް ކުށެއް ނެތި 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅަކަށް މިފަދަ ހާލަތެއް ކުރިމަތިވުމަކީ ނުހަނު ހިތާމަހުރި ކަމެއް ކަމަށެވެ.
ބޮލްސޮނާރޯއަށް ބަނޑުގެ މިފަދަ ސީރިއަސް މައްސަލަތަކެއް ކުރިމަތިވާން ފެށީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭނެއްގެ ތެރޭގައި އޭނާއަށް ވަޅިން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެންނެވެ.
2022 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އަތުން ބަލިވުމަށްފަހު، ވެރިކަން ވައްޓާލަން ނުވަތަ ބަޣާވާތްކުރަން އުޅުނު ކަމުގެ ކުށުގައި ބޮލްސޮނާރޯގެ މައްޗަށް ވަނީ 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ މި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތާ މިހާރު އަހަރެއް ވެފައިވާއިރު، ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު މިދިޔަ މާޗް މަހު އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
މި ދަނޑިވަޅުގައި، ޖަލު ހުކުމްތައް ހިސާބުކުރާ އުސޫލުތަކާ ގުޅޭ ގޮތުން ބްރެޒިލްގެ ސުޕްރީމް ކޯޓުން ކުރިއަށް އޮތް މަހު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި ނިންމުމުގެ ސަބަބުން ބޮލްސޮނާރޯގެ އިތުރުން، 2022 ވަނަ އަހަރުގެ ހާދިސާތަކާ ގުޅިގެން ހުކުމް އިއްވާފައިވާ އެހެން ފަރާތްތަކުގެ ހުކުމްތަކަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.