އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 35 ކްރޫޒްލައިނަރ ރާއްޖެ އައުމަށް ޝެޑިއުލްކޮށްފި.

ކުރިއަށް އޮތް އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 35 ކްރޫޒްލައިނަރ އައުމަށް ޝެޑިއުލްކޮށްފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޔޮޓް އެޖެންސީ (މާޔާ) އިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ކްރޫޒްލައިނަރތަކުގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަންޒިލަކަށްވާއިރު، ފަތުރުވެރިކަމުގެ ޕީކް ސީޒަން ނުވަތަ ހައި ސީޒަނާ ދިމާކޮށް ރާއްޖެއަށް މިފަދަ ބޮޑެތި އުޅަނދުފަހަރު އަންނަ މިންވަރު އަބަދުވެސް ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅުން ފެށިގެން އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް ގިނަ އަދަދެއްގެ ކްރޫޒްލައިނަރތަކެއް ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާޔާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަންނަ 35 ކްރޫޒްލައިނަރުގެ ތެރެއިން، މިއަހަރުގެ ނޮވެމްބަރު މަހު 2 އުޅަނދު އަދި ޑިސެމްބަރު މަހު 4 އުޅަނދު އައުމަށް ވަނީ ތާވަލުކުރެވިފައެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު 7 ކްރޫޒްލައިނަރ، މާރިޗު މަހު 7 ކްރޫޒްލައިނަރ، އޭޕްރީލް މަހު 7 ކްރޫޒްލައިނަރ، މެއި މަހު 6 ކްރޫޒްލައިނަރ އަދި ޖޫން މަހު 2 ކްރޫޒްލައިނަރ ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މަހު ރިޕޯޓަށް ބަލާއިރު، ކްރޫޒްލައިނަރތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ކްރޫޒްލައިނަރތަކުގައި 17،248 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 16،232 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ބާރަށް ކުރިއަރަމުން އަންނައިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 1.9 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.