ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަވެރި ކުޅުމަކަށްފަހު ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، އޮޑި ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.
މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން ލީގުގެ ކުޅުން ފަށައި، ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އޮޑި ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ފަހަތުން އަރައި 1-3 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޓީސީންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާވި އައިހަމް ހަމްދޫންގެ ބަދަލުގައި ކުޅެން އެރި މުޙައްމަދު ދާނިޝް އިބްރާހީމެވެ. މިއީ އޭނާ ކުޅެން އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ހިފައިގެން ޖެހި ލަނޑެކެވެ.
ޓީސީން ލީޑުގައި އޮވެ ކުޅެމުންދަނިކޮށް މެޗުގެ އޮއެވަރު ބަދަލުވެގެންދިޔައީ އޮޑިއަށް ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާތެރެއިން އޮޑީގެ ބިދޭސީ ފޯވާޑް ހަޑްސަން ޑިއާސްއަށް ޓީސީގެ ކީޕަރު ޑެނިއެލް އެމަނުއެލް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ހަޑްސަންއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޮޑިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ޓީމެއްގެ ގޮތުގައި ގުޅިގެން އުފެއްދި މި ފުރުސަތުގައި، މުޒްދާން ހަސަން ދިން ރީތި ބޯޅައަކުން މުޅިން ހުސްކޮށްހުރެ މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، އޮޑިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި އަޙްޒަމް ރަޝީދު ނަގައިދިން ހުރަހަކުން، ހިތްގައިމު ”ޑައިވިން ހެޑަރ“ އަކުން މި ލަނޑު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ހަޑްސަން އެވެ.
މި މޮޅާއެކު އޮޑި ސްޕޯޓްސް ކުލަބަށް ވަނީ ލީގުގައި ކުޅުނު 7 މެޗުން 11 ޕޮއިންޓް ލިބި، ތާވަލުގައި ކުރިއަށް ޖެހިލާފައެވެ. އަދި މި މެޗުން ބަލިވި ޓީސީއަށް 7 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ.