ސްވިޒަލެންޑުގެ ޖެނީވާގައި މި ނޮވެމްބަރު މަހުގެ 16 އިން 20 އަށް ބޭއްވި ’ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް‘ (ޖީ.އެފް.ސީ) ގެ ބައިނަލްއަޤްވާމީ ފުރަތަމަ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސަކީ ކެމިކަލް އަދި ކުނިން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ޞިނާޢީ ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ.
މި ކޮންފަރެންސްގެ ތެރެއިން، މި ފްރޭމްވޯކް ތަންފީޛުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މުހިންމު ގިނަ ނިންމުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން، މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ބޭނުންކުރާނެ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކެއް (ގްލޯބަލް އިންޑިކޭޓަރސް) ކަނޑައެޅުމާއި، މިކަން ތަންފީޛުކުރުމަށް ދެ ޕްރޮގްރާމެއް އެކުލަވައިލުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޤާއިމުކޮށްފައިވާ ’ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް ފަންޑު‘ ގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް އިތުރުކުރުމަށް ވެސް މި ކޮންފަރެންސްގައި ވަނީ ފާސްކޮށްފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް ޙަސަން އަޒްހަރެވެ.
ކޮންފަރެންސްގެ މަސައްކަތްތަކުގެ ތެރެއިން، މި ފްރޭމްވޯކް ތަންފީޛުކުރުމަށް އެހީތެރިވުމުގެ ގޮތުން، މަސައްކަތުގެ ޕްރޮގްރާމާއި، މުވައްޒަފުން އަދި ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކުލަވައިލި ’ކޮންޓެކްޓް ގްރޫޕް‘ ގެ ކޯ-ޗެއަރގެ މަޤާމު ވެސް ޙަސަން އަޒްހަރު ވަނީ ކާމިޔާބުކަމާއެކު ފުރުއްވާފައެވެ. މި ބައްދަލުވުމުގައި ނިންމުނު ނިންމުންތަކުގެ ސަބަބުން ތިމާވެށްޓާއި އިންސާނުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.