އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ ޕްލޭއޮފްސްގައި އިންޓަރ މައާމީ އާއި ކޮލަމްބަސް ކްރޫ ބައްދަލުކުރާ ތިން މެޗުގެ ސިރީޒްގެ ފުރަތަމަ މެޗު، ފަސޭހަކަމާއެކު ކޮލަމްބަސް ކްރޫ ކާމިޔާބު ކޮށްފިއެވެ.
އިންޓަރ މައާމީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު 7 ވަނައަށް ސީޑު ކުރެވިފައިވާ ކޮލަމްބަސް ކްރޫ ކާމިޔާބު ކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ކޮލަމްބަސް ކްރޫގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ގޮންޒާލޯ ޓާޕިއާއެވެ.
މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް، 9 ވަނަ މިނެޓުގައި ކޮލަމްބަސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޓާޕިއާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް އިންޓަރ މައާމީން މަސައްކަތް ކުރަމުން ދަނިކޮށް، އެ ޓީމަށް އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމުގެ ގޮންޒާލޯ ލޫޖެން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް އިންޓަރ މައާމީން ކުޅެމުން ދަނިކޮށް، މެޗުގެ 52 ވަނަ މިނެޓުގައި ތާހާ ހެބްރޫން ވަނީ ކޮލަމްބަސްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން، މެޗުގެ 58 ވަނަ މިނެޓުގައި ޓާޕިއާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ކޮލަމްބަސް ކްރޫ މި މެޗުން މޮޅުވުމުގައި އެ ޓީމުގެ ގޯލްކީޕަރު ޕެޓްރިކް ޝުލްޓަރގެ ހުށިޔާރުކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. މައާމީގެ ފަރާތުން ފެނުނު ނުރައްކާތެރި ފަސް ހަމަލާއެއް އޭނާ ވަނީ ދިފާއުކޮށްފައެވެ. މީގެ ތެރޭގައި އިންޓަރ މައާމީގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ތިން ހަމަލާއަކާއި، ލުއިސް ސުއަރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހިމެނެއެވެ.
މި މޮޅާއެކު، ތިން މެޗުގެ ސިރީޒް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ކޮލަމްބަސް ކްރޫއަށް މިވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ. އެގޮތުން އަންނަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި އިންޓަރ މައާމީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އެންމެ ފަހުގެ އެމްއެލްއެސް ކަޕް ޗެމްޕިއަނުން ބަލިކޮށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ލިބޭނެއެވެ. ނަމަވެސް އިންޓަރ މައާމީއަށް މި ސިރީޒް ކާމިޔާބު ކުރެވެން އޮތީ ބާކީ އޮތް ދެ މެޗުވެސް ކާމިޔާބު ކޮށްގެންނެވެ.
މި މެޗު ފެށުމުގެ ކުރިން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައި، އެމްއެލްއެސްގައި މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ލިއޮނެލް މެސީއަށް ”ރަން ބޫޓު“ އަރުވާފައެވެ. މިއީ މެސީ ޖެހިޖެހިގެން މި އެވޯޑު ކާމިޔާބުކުރި ދެވަނަ ސީޒަނެވެ. އޭނާ މި އެވޯޑު ހާސިލުކުރީ ކުޅުނު 31 މެޗުން 26 ލަނޑު ޖަހައިގެންނެވެ.