ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް ފަށައިފި.

ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ ”ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް“ އާދިއްތަ ދުވަހު ރަސްމީކޮށް ފަށައިފިއެވެ. މި ހިނގާ ނޮވެމްބަރު މަހުގެ 22 އިން 24 އަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައި ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޑރ. ގީލާ ޢަލީއެވެ.
މި ކޮންފަރެންސްގައި ބައިވެރިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމް ބާއްވަނީ ”ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް“ މި ޝިޢާރުގެ ދަށުންނެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.

ދިވެހިރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ޑިޕްރެޝަންގެ ޢަލާމާތްތައް ތަޙައްމަލު ކުރަމުންދާކަން ތަފާސްހިސާބުތަކުން ދައްކާއިރު، ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު ޤައުމީ ފެންވަރުގައި އަވަސް ޙައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ. ”ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން“ މި އުޞޫލުގެ މަތިން ބާއްވާ މި ކޮންފަރެންސަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ޤައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ޚިޔާލު ސީދާ ގޮތެއްގައި ގެނައުމަށް ކުރިއަށްގެންދާ މުހިންމު ޙަރަކާތެކެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ. އެއީ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުމާއި، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމެވެ. އަދި ކޮންފަރެންސްގެ އެންމެ ފަހު ދުވަހު އޮންނާނީ މި މައްސަލަތަކަށް ޒުވާނުން އަމިއްލައަށް ހުށަހަޅާ ޙައްލުތައް އެކުލަވާލުމެވެ.
މި ކޮންފަރެންސްގެ މަޝްވަރާތަކާއި ޙައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުން.
  2. ޢާއިލާ، ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން.
  3. އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުޞަތުތައް.
  4. ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއި، ދެކޭގޮތް ބަދަލުކުރުން.
  5. ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒުވާނުންގެ ބައިވެރިވުމާއި އިސްނެގުންތައް.
  6. މުޖުތަމަޢުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަން.

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގައި ކަމާގުޅުންހުރި ގިނަ މުއައްސަސާތަކަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ނެޝަނަލް މެންޓަލް ހެލްތް ސެންޓަރ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، މޯލްޑިވްސް ޕޮލިސް ސަރވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތު ހިމެނެއެވެ.

މިއަހަރުގެ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސްގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސްއެވެ. ސަރުކާރުގެ އަމާޒަކީ މި ކޮންފަރެންސުން ނުކުންނަ ހުށަހެޅުންތަކުގެ އަލީގައި، ޤައުމީ ފެންވަރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ޙިއްޞާ ފުރިހަމައަށް ހިމެނުމެވެ.