ރައްޔިތުންގެ މަޖިލީހުގެ މުހިންމު ބައެއް ކޮމިޓީތަކަށް ބަދަލުތަކެއް ގެނެސްފި.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ބައެއް ކޮމިޓީތަކުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރައްވާ މެންބަރުންގެ މެދުގައި ބަދަލުތަކެއް ގެނެސް، އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާނުކޮށްފިއެވެ. މި ބަދަލުތައް މަޖިލީހުގެ ޖަލްސާގައި އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
މަޖިލީހުގެ ރިޔާސަތުން ހާމަކުރެއްވި ގޮތުގައި، މި ބަދަލުތަކުގެ ތެރެއިން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ ކޮމިޓީގައި ޕީއެންސީގެ ފަރާތުން ކުރިން ހިމެނިވަޑައިގެންނެވި ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި، އެ ކޮމިޓީއަށް މިހާރު ހަމަޖައްސަވާފައިވަނީ ގއ. ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.
މީގެ އިތުރުން، މަޖިލީހުގެ އެންމެ ނުފޫޒުގަދަ އަދި މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވެސް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ސ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަނީ އެ ކޮމިޓީއަށް ހަމަޖައްސަވާފައެވެ.

ހަމައެއާއެކު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ޕީއެންސީގެ ފަރާތުން ދެން ހިމެނިވަޑައިގެންނެވި ގދ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީގެ ބަދަލުގައި، އެ ކޮމިޓީއަށް މިހާރު ހަމަޖައްސަވާފައިވަނީ އދ. މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤެވެ.
މަޖިލީހުގެ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުކުރާ މެންބަރުންނަށް ބަދަލު ގެންނަނީ އެ ޕާޓީއެއްގެ މަޖިލިސް ޕީޖީ ގްރޫޕުން ނިންމާ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ބަދަލުތަކާއެކު ކޮމިޓީތަކުގެ މަސައްކަތްތައް އާ ރޫހެއްގައި ކުރިއަށްދާނެ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއެވެ.