ފަލަސްޠީނު ދަރިކޮޅުގެ އާބިރ ޚަވާޞް ނިއުޔޯކް ސްޓޭޓް ސެނެޓަށް އިންތިޚާބުވެ ތާރީޚުން ޖާގަ ހޯއްދަވައިފި.

އުމުރުފުޅުން 34 އަހަރުގެ އާބިރ ޚަވާޞް، އެމެރިކާގެ ނިއުޔޯކް ސްޓޭޓް ސެނެޓަށާއި އެ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި ފަލަސްޠީނު ދަރިކޮޅުގެ ފުރަތަމަ މެންބަރުގެ އިތުރުން، އެ މަޖިލީހަށް ހޮވުނު ފުރަތަމަ މުސްލިމް އަންހެން ބޭފުޅާގެ ޝަރަފު ހޯއްދަވައި ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.
ޚަވާޞް މި ތާރީޚީ ކާމިޔާބީ ހާސިލުކުރެއްވީ ނިއުޔޯކް ސިޓީގެ އެންމެ ބޮޑު އެއް ޢަރަބި އާބާދީ ދިރިއުޅޭ، އަދި ރައްޔިތުންގެ ދެބައިކުޅަ އެއްބަޔަކީ އެމެރިކާއިން ބޭރު ޤައުމުތަކަށް އުފަންވެފައިވާ މީހުން ކަމުގައިވާ ނޯތުވެސްޓް ކުއީންސްގެ 12 ވަނަ ދާއިރާއިންނެވެ. މި އިންތިޚާބުގައި ރިޕަބްލިކަން ކެންޑިޑޭޓް ހޭން ކޯން ޓޯއާ ވާދަކުރައްވައި، ޚަވާޞް ގޮނޑި ކާމިޔާބު ކުރެއްވީ 74.5 އިންސައްތައިގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މި ކާމިޔާބީއަކީ މިޑްޓާމް އިންތިޚާބުގައި ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ އަދި ޑިމޮކްރެޓިކް ސޯޝަލިސްޓް ކެންޑިޑޭޓުން ހޯދި ފާހަގަކޮށްލެވޭ ކުރިއެރުމުގެ މުހިންމު ބައެކެވެ. މީގެ ތެރޭގައި މިޝިގަންގެ ސެނެޓަށް އިންތިޚާބުވި ޢަބްދުލް އަލް ސައްޔިދު އާއި ލޮސް އެންޖެލިސްގެ މޭޔަރު ކަމަށް ހޮވުނު ނިތްޔާ ރަމަން ފަދަ ބޭފުޅުން ހިމެނެއެވެ. ޚަވާޞްއަކީ މީގެ ކުރިން ނިއުޔޯކްގެ މޭޔަރު ޛަހްރާން މަމްދާނީ ޤާނޫނު ހަދާ މަޖިލީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެމަނިކުފާނާއެކު އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، ކަންކަން އިންތިޒާމުކުރުމުގައި އެކަމަނާގެ ހުރި ޤާބިލުކަން ޑިމޮކްރެޓިކް ޕާޓީގެ އިސް ސަފަށް ކުރިންސުރެ އޮތީ ސާބިތުވެފައެވެ.
އިންތިޚާބަށްފަހު ވާހަކަދައްކަވަމުން ޚަވާޞް ވަނީ، ކުރިން އެކަމަނާ މާބޮޑު އިތުބާރެއް ނުކުރައްވާ ސިޔާސީ ނިޒާމެއްގެ ތެރެއަށް ވަނުމާމެދު އުފެދުނު ޝައްކުތަކާއި، ޑިމޮކްރެޓިކް ސޯޝަލިސްޓް (ޑީއެސްއޭ) ޖަމްޢިއްޔާއާ އެންމެ ފުރަތަމަ މުޢާމަލާތް ކުރެއްވި ދުވަސްވަރުގެ ހަނދާންތައް އާކުރައްވާފައެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށް އެކަމަނާ ކުރައްވާ ތާއީދަށް އެއްވެސް ދޫދިނުމެއް ނެތި ސިޔާސީ މައިދާނަށް ނުކުމެވިދާނެ ކަމަށް ކުރިން ޤަބޫލުނުކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.
ކުއީންސްގައި ހުންނަ އެކަމަނާގެ ގެކޮޅުގައި އިސްލާމީ މިނިވަންކަމާއި، ފަލަސްޠީނުގެ ޙައްޤުތަކާ ގުޅޭ ފޮތްތަކުގެ އިތުރުން ޔަހޫދީން ޝަހީދުކޮށްލާފައިވާ ފަލަސްޠީނު ރައްޔިތުންގެ ހަނދާނުގައި ހަރުކޮށްފައިވާ ޕޯސްޓަރެއް ފެންނަން ހުރެއެވެ. އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން އެކަމަނާ ވިދާޅުވީ، ސިޔާސީ ދާއިރާއަށް ނުކުންނެވީ މިހާރުގެ މަސްރަޙަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
ޚަވާޞްގެ ޢާއިލާއަކީ ފަލަސްޠީނުގެ ބިންތަކުން އަހުލުވެރިން ބޭރުކުރުމަށް ޔަހޫދީން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރަން ޖެހުނު ބައެކެވެ. އެގޮތުން އެކަމަނާގެ ބައްޕާފުޅު 1948 ގައި އަދި މަންމާފުޅު 1967 ގައި ވަޒަނުން ބޭރުކޮށްލުމުން ދެބޭފުޅުން ބައްދަލުވެ ބޮޑުވީ އުރުދުންގައެވެ. އެއަށްފަހު 1990 ގެ އަހަރުތަކުގައި އެމެރިކާއަށް ހިޖުރަކުރި މި ޢާއިލާގެ ތިންވަނަ ދަރިކަނބަލަކީ ޚަވާޞްއެވެ.
ފަލަސްޠީނުގެ މައްސަލައިގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކުއީންސްގެ އިސްރަށްވެހިންގެ ތާއީދު ލިބުނު ނަމަވެސް، އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބަދަލު ގެނައުމަކީ މަޖިލީހުގެ އިސްވެރިންގެ ނިންމުންތަކާ ގުޅިފައިވާ އުނދަގޫ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސެނެޓުގައި ޚަވާޞްގެ އެންމެ އިސް އަމާޒަކީ ”ނޮޓް އޮން އަވަރ ޑައިމް“ ބިލު އަލުން ދިރުވުމެވެ. މިއީ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގާ ޤަވާޢިދާ ޚިލާފު އިސްތިޢުމާރީ ޙަރަކާތްތަކަށް ނިއުޔޯކްގެ ޖަމްޢިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދިނުން މަނާކުރުމަށް 2023 ގައި އެކުލަވައިލި ބިލެކެވެ. މީގެ ކުރިން ބޭރުކޮށްލި މި ބިލު މިހާރު ވަނީ އަލުން ސެނެޓަށް ހުށަހަޅާފައެވެ. ދެކުނު އެފްރިކާގެ ނަސްލީ ތަފާތުކުރުންތައް ނިމުމަކަށް ގެނައި ފަދައިން، ގަދައަޅައި ކުރާ މަސައްކަތުން ހެޔޮ ބަދަލެއް ގެނެވިދާނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް ޚަވާޞް ވަނީ ވިދާޅުވެފައެވެ.