ގައުމީ ކުތުބުހާނާގައި ’މުހައްމަދު އަލީ ޖިނާހް ކޯނަރު‘ ހުޅުވައިފި.

މާލޭގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ކުތުބުހާނާގައި ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހަށް ޚާއްސަކުރެވިފައިވާ ކޯނަރެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ކުތުބުހާނާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކޯނަރު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދާއި، ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސޫލް ލޯދީއެވެ. މި ކޯނަރަކީ ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހްގެ 150 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމުކުރި ތަނެކެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާން ހައިކޮމިޝަނުގެ އިސް އޮފިޝަލުންނާއި ގައުމީ ކުތުބުހާނާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޯނަރު ހުޅުއްވައިދެއްވުމަށްފަހު، މިނިސްޓަރު ހީނާ އާއި ސަފީރު ފައިސަލް ރަސޫލް ލޯދީ ވަނީ ކުތުބުހާނާގެ އެކި ބައިތައް ބައްލަވާލައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، ޕާކިސްތާން ހައިކޮމިޝަނުން ފޯރުކޮށްދިން މި އެހީތެރިކަމުގެ ސަބަބުން ކުތުބުހާނާގައި މިހާރު ހުރި ފޮތްތަކުގެ ކަލެކްޝަން އިތުރަށް މުއްސަނދިވެ، ޚިދުމަތްތަކުގެ ފެންވަރާއި ގާބިލުކަން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި އެހީތެރިކަމަށްޓަކައި އެކަމަނާ ވަނީ ޕާކިސްތާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ގައުމީ ކުތުބުހާނާގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި އައު ކުތުބުހާނާތައް ގާއިމުކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތުވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ފައިސަލް ރަސޫލް ލޯދީ ދެއްކެވި ވާހަކަފުޅުގައި، ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލެވުނުކަން ފާހަގަކުރެއްވިއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި އިސްލާމީ އަގުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، މިފަދަ މަސައްކަތްތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް ފޯރުކޮށްދިނުމަށާއި މުޖުތަމައު ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

”ގާއިދޭ އައުޒަމް“ ނުވަތަ މާތް ލީޑަރުގެ ލަގަބުން މަޝްހޫރުވެވަޑައިގެންފައިވާ މުހައްމަދު އަލީ ޖިނާހް (1876–1948) އަކީ ގާނޫނީ ވަކީލެއްގެ އިތުރުން، އޯލް-އިންޑިއާ މުސްލިމް ލީގުގެ ލީޑަރުގެ ހައިސިއްޔަތުން 1947 ވަނަ އަހަރު ޕާކިސްތާނަށް މިނިވަންކަން ހޯއްދަވައިދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އެ ގައުމުގެ ބާނީއެވެ. އަދި އެމަނިކުފާނަކީ މިނިވަން ޕާކިސްތާނުގެ ފުރަތަމަ ގަވަރުނަރު ޖެނެރަލްވެސް މެއެވެ.
ޕާކިސްތާނުން މީގެ ކުރިންވެސް ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ޖިނާހްގެ ނަންފުޅަށް ނިސްބަތްކޮށް ހިންގާ ”ޖިނާހް ލެޕްޓޮޕް ސްކީމް“ ގެ ދަށުން، ރާއްޖޭގެ ސްކޫލުތަކުން މަތީ ސާނަވީ އިމްތިހާނުތަކުގައި ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށާއި ސްކޫލުތަކަށް އެ ގައުމުން ވަނީ މީގެ ކުރިން އެތައް ފަހަރަކު ލެޕްޓޮޕް ހަދިޔާކޮށްފައެވެ.