އެނބުރި ވަޑައިގެންފި ނަމަ ހަސީނާ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެފި.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ޙަސީނާ އެނބުރި އެ ގައުމަށް ވަޑައިގެންފި ނަމަ އެ ކަމަނާ ހައްޔަރުކޮށް ޖަލަށް ލާނެ ކަމުގެ އިންޒާރު އެ ގައުމުގެ މިހާރުގެ ސަރުކާރުން ދީފިއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ގައުމުގެ ދަރިވަރުން އިސްނަގައިގެން ބޮޑުވަޒީރު ޙަސީނާއާ ދެކޮޅަށް ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ކަމަނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައި ގައުމު ދޫކުރައްވައި ފިއްލަވާފައެވެ. އަދި އޭގެ ފަހުން މިހާތަނަށް ވެސް އެ ކަމަނާ ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިއާގައެވެ.
ނަމަވެސް، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެ، އައު ޕާސްޕޯޓަކާއި އައިޑީ ކާޑެއް ހައްދަވައިދެއްވުމަށް ޙަސީނާ ވަނީ ބަންގްލަދޭޝްގެ އިދާރާތަކުގައި އެދިވަޑައިގެންފައެވެ. އެހެންނަމަވެސް، އެ ގައުމުގެ ސަރުކާރުން ވަނީ އެ ކަމަނާގެ އެ އެދިލެއްވުމަށް ދެކޮޅުހަދައި، އެ ލިޔެކިޔުންތައް ދޫކުރުމަށް އިންކާރުކޮށްފައެވެ. ސަރުކާރުގެ މި ނިންމުމާ ގުޅިގެން ޙަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގުގެ މެންބަރުންނާއި ސަޕޯޓަރުން ދަނީ ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގައި، ގައުމުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުންނެވެ.
ބަންގްލަދޭޝްގެ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ޙަސީނާއަކީ ކުށްވެރިއެއްގެ ގޮތުގައި ބަލައި، އިންޑިއާއިން އެ ކަމަނާ އަނބުރާ ގައުމަށް ގެނައުމަށެވެ. އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝާމާ އުބައިދު އިސްލާމް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އަމަލުކުރަމުންދާ ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން ޙަސީނާ ބަންގްލަދޭޝްއާ ހަވާލުކުރުމަށް އިންޑިއާގެ ކިބައިން އެދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގައި އިންޑިއާގެ ޚާރިޖީ ވުޒާރާއިން އަދި މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ޙަސީނާ އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންފި ނަމަ އެ ކަމަނާއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ މަރުގެ އަދަބާއެވެ. 2024 ވަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގި ކަމުގެ ކުށް ސާބިތުވެ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ގައުމުގެ ކޯޓަކުން ވަނީ އެ ކަމަނާގެ ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފައެވެ. އެ ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 1،400 އެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން ވަނީ ރިޕޯޓުކޮށްފައެވެ.