ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ ގިނަ އަތޮޅުތަކުގައި މިހާރު ތެޔޮ ފޯރުކޮށްދެމުންދަނީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ، ޢާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމަކީ ރައްޔިތުންނާއި މަސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނިންމަވާފައިވަނީ، އާންމު ފިއުލް ސްޓޭޝަންތައް ޤާއިމުކުރުމަށް ދަތި ރަށްރަށުގައި މޮޑިއުލަރ ފިއުލް ސްޓޭޝަން ނުވަތަ ފިއުލް ސްކިޑްތައް ޤާއިމްކުރުމަށެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 34 ރަށެއްގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤު އަޙުމަދު ވިދާޅުވީ، މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
”ފުރަތަމަ ފިޔަވަހީގައި ހިމެނޭ 19 ރަށުގެ ތެރެއިން 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. އަދި 6 ނޮވެމްބަރު 2026 ގެ ނިޔަލަށް 10 ސްޓޭޝަނަކުން ޚިދުމަތް ދޭން ވަނީ ފަށާފައި. އަޅުގަނޑުމެންގެ އަމާޒަކީ ދެވަނަ ފިޔަވަހީގެ 15 ރަށްވެސް ހިމަނައިގެން، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފިއުލް ސްކިޑްތައް ޤާއިމްކޮށް ނިންމުން،“ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރެވުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި މީގެ އެންމެ ފުރަތަމަ ސްކިޑް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 2025 ވަނަ އަހަރު ރ. ދުވާފަރުގައެވެ.
މި މަޝްރޫޢު ފުރިހަމަވެގެން ދިއުމުން، ވެރިރަށް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުންވެސް ހަމަހަމަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބިގެންދާނެއެވެ. މީގެއިތުރުން ސިނާޢީ އެކި މަސައްކަތްތަކަށާއި، މަސްވެރި އުޅަނދުފަހަރަށް ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ވަގުތާއި ޚަރަދު ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.