ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްގެން ޤައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ ”ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ 22 އިން 24 އަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައި ކުރިއަށްދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދެވެ.
ޖުމްލަ 84 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ ”ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް“ މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތެރެއިން މިކަމަށް ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ޑިޕްރެޝަންގެ ޢަލާމާތްތައް ތަޙައްމަލު ކުރަމުންދާއިރު، މިއީ ޤައުމީ ފެންވަރުގައި އަވަސް ޙައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ. ”ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން“ މި އުޞޫލުގެ މަތިން ބޭއްވި މި ކޮންފަރެންސަކީ، ދައުލަތުގެ ނިންމުންތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ޤައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ޚިޔާލު ސީދާ ގޮތެއްގައި ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ކޮންފަރެންސްގެ އޮފިޝަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި މި ޙަރަކާތުގައި ސްޓޭކްހޯލްޑަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ނެޝަނަލް މެންޓަލް ހެލްތް ސެންޓަރ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، މޯލްޑިވްސް ޕޮލިސް ސަރވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތުން ވަނީ ބައިވެރިވެފައެވެ.