ޗެސް ކުޅިވަރުގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު މުބާރާތް ކަމަށްވާ، ވޯލްޑް ޗެސް ޗެމްޕިއަންޝިޕް ސުވިޓްޒަލެންޑުގެ ކޮލިނީގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ.
އާންމުކޮށް ގިނަ ޓީމުތަކާއި ކުޅުންތެރިން ބައިވެރިވާ އެހެން ކުޅިވަރު މުބާރާތްތަކާ ޚިލާފަށް، ވޯލްޑް ޗެސް ޗެމްޕިއަންޝިޕަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ މެދުގައި ދުނިޔޭގެ ތަޚުތަށްޓަކައި ކުރިއަށްދާ ޚާއްޞަ ކުރިމަތިލުމެކެވެ. އަންގާރަ ދުވަހު ފެށުނު މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ އެންމެފަހުގެ ޗެމްޕިއަން އިންޑިއާގެ ގުކޭޝް ޑޮންމަރާޖޫ އާއި އުޒްބެކިސްތާނުގެ އުންމީދީ ތަރި ޖަވޮޚިރު ސިންޑަރޯފްއެވެ.
އުމުރުން 20 އަހަރުގެ ގުކޭޝްއަށް މި މުބާރާތުން ޖާގަ ލިބިފައިވަނީ ދުނިޔޭގެ އެންމެފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. އަދި އޭނާއާ ދެކޮޅަށް ނުކުންނަ އުމުރުން 20 އަހަރުގެ ޖަވޮޚިރު ޖާގަ ހޯދީ ވަރުގަދަ ކޮލިފައިން މެޗުތައް ކާމިޔާބުކޮށްގެންނެވެ. މި ދެ ކުޅުންތެރިން ވެގެން ގޮސްފައިވަނީ މި މުބާރާތުގެ 140 އަހަރުވީ ދިގު ތާރީޚުގައިވެސް، ދުނިޔޭގެ ތަށstore ށް ވާދަކުރާ އެންމެ ހަގު ދެ ކުޅުންތެރިންނަށެވެ.
މިފަހަރުގެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ މިވަގުތު ދުނިޔޭގެ ރޭންކިންގެ 4 ވަނައިގައި، ރަނގަޅު ފޯމެއްގައި ހުރި ޖަވޮޚިރު ކަމަށް ގިނަ މުހައްލިލުން ޤަބޫލުކުރެއެވެ. ޖަވޮޚިރު ވަނީ 2025 ވަނަ އަހަރުގެ ފީޑޭ ވޯލްޑް ކަޕް ކާމިޔާބުކޮށް، އަދި ސައިޕްރަސްގައި ބޭއްވުނު 2026 ވަނަ އަހަރުގެ ކެންޑިޑޭޓްސް ޓޯނަމަންޓް އެއްވެސް މެޗަކުން ބަލިނުވެ ނިންމާލައި އޭނާގެ ހުނަރު ދައްކާލާފައެވެ.

އަނެއްކޮޅުން، 2024 ވަނަ އަހަރު އުމުރުން އެންމެ 18 އަހަރުގައި މި މުބާރާތް ކާމިޔާބުކޮށް، ތާރީޚުގައިވެސް މި ތަށި ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދި ގުކޭޝް މިފަހަރު ޗެމްޕިއަންކަން ދިފާއުކުރަން ނުކުންނަނީ ދުނިޔޭގެ ރޭންކިންގެ 26 ވަނައިގައި އޮވެގެންނެވެ. ޗެމްޕިއަންކަން ލިބުނު ފަހުން އޭނާގެ ކުޅުމަށް ބައެއް ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ގުކޭޝްއަކީ ބޮޑެތި މެޗުތަކުގައި ތަޖުރިބާކާރު އަދި މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއެކެވެ.
މި މުބާރާތް ކުރިއަށްދާނީ ޖުމްލަ 14 ކްލެސިކަލް ގޭމްގެ މައްޗަށެވެ. މެޗަކުން މޮޅުވާ ކުޅުންތެރިއަކަށް 1 ޕޮއިންޓް ލިބޭއިރު، އެއްވަރުވާ މެޗުތަކުން ކޮންމެ ކުޅުންތެރިއަކަށް ލިބޭނީ 0.5 ޕޮއިންޓެވެ. މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނީ އެންމެ އަވަހަށް 7.5 ޕޮއިންޓް ހަމަކުރާ ކުޅުންތެރިއަކަށެވެ. އެހެންކަމުން، 14 ގޭމް ކުޅެ ނުނިމެނީސްވެސް މުބާރާތުގެ ޗެމްޕިއަން ކަށަވަރުވުމުގެ ފުރުސަތު އޮންނާނެއެވެ.
ތިން ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ފޯރިގަދަ މުބާރާތަށް ޖުމްލަ 2.5 މިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި މި ފައިސާގެ އިނާމު ކުޅުންތެރިންނަށް ބަހާލެވޭނީ މެޗުތަކުން މޮޅުވާ ނިސްބަތަށް ބަލައިގެންނެވެ.