ފެލިކްސްގެ މޮޅު ބައިސިކަލް ކިކާއެކު އަލް-ނަޞްރުން އަލް-ސާދު ބަލިކޮށްފި.

އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައި ޔާއޯ ފެލިކްސް ކާމިޔާބުކުރި ހިތްގައިމު ބައިސިކަލް ކިކް ގޯލުން، ޤަޠަރުގެ އަލް-ސާދުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާގެ އަލް-ނަޞްރުން ކުރި ހޯދައިފިއެވެ.
އަލް-ނަޞްރުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން އެންމެ ފުރަތަމަ ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ އަށް އަލް-ސާދުގެ މިޑްފީލްޑަރު މުޙައްމަދު ކަމާރާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މީގެ ހަތަރު ދުވަސް ކުރިން ސައުދީ ޕްރޯ ލީގުގައި އަލް-އަހްލީއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނަލްޑޯ އަތުން ޕެނަލްޓީ ބޭކާރުވި ނަމަވެސް، މި މެޗުގައި އޭނާ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބުކުރި 185 ވަނަ ޕެނަލްޓީ އަދި ޖުމްލަ 987 ވަނަ ލަނޑެވެ. މީގެއިތުރުން، މިއީ މި ސީޒަނުގައި ކުޅުނު 14 މެޗުން ރޮނަލްޑޯ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
ރޮނާލްޑޯގެ ލަނޑުން އަލް-ނަޞްރު ކުރީގައި އޮއްވައި، މެޗުގެ 22 ވަނަ މިނިޓުގައި އަލް-ސާދަށް ނަތީޖާ ހަމަހަމަކޮށްދިނީ އަބްދުލްވައްހާބެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލް-ސާދަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނެވެ. އެއީ ފެލިކްސް އަށް ކުރި ނުރައްކާތެރި ޗެލެންޖަކާ ގުޅިގެން، ލަނޑު ޖެހި އަބްދުލްވައްހާބަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކުމުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ އަލް-ނަޞްރަށް އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް، އެޓޭކް އުފެއްދި މަރުހަލާގައި އޮފްސައިޑް ވެފައިވާ ކަމަށް ވީއޭއާރު (VAR) އިން ބެލުމަށްފަހު ވަނީ ނިންމާފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް އަލް-ސާދުން ކުޅެމުންދަނިކޮށް، ދެވަނަ ހާފު ފެށިގެން 7 ވަނަ މިނިޓުގައި އަލް-ނަޞްރު މޮޅުކޮށްދިން ހިތްގައިމު ލަނޑު ކާމިޔާބުކުރީ ފެލިކްސްއެވެ. އޭނާ މި ލަނޑު ޖެހީ ފުރިހަމަ ބައިސިކަލް ކިކަކުންނެވެ.
މި މުހިންމު މޮޅާއެކު އަލް-ނަޞްރު މިހާރު އޮތީ އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގެ ވެސްޓާން ރީޖަން ތާވަލުގެ 5 ވަނައިގައެވެ. މި ނަތީޖާއާއެކު މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގައެއް ހޯދުމުގެ ފުރުޞަތު އެޓީމަށް މިހާރު ވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ.