ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފި.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރުން ހިމެނޭހެން، ކޯޓުތަކުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި ބިލު މަޖިލީހަށް ތަޢާރަފުކުރުމަށް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މެންބަރު އިސްމާޢީލް ނިޒާރު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފުޅާކުރުމެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ބުނާގޮތުން ހައިކޯޓުގައި ތިއްބަވަނީ ޖުމުލަ 11 ފަނޑިޔާރުންނެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި ވަނީ އެ އަދަދު 15 އަށް އިތުރުކުރުމަށް ހިމަނާފައެވެ.
މީގެ އިތުރުން، އިސްތިއުނާފީ މައްސަލަތަކާ ގުޅިގެން ލިޔެކިއުންތައް ބަދަލުކުރުމުގެ މުއްދަތުތަކަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. ޤާނޫނުގައި މިހާރު އޮންނަ ގޮތުން ހައިކޯޓުން ކުރިއަށް ގެންދާ މައްސަލަތަކަށް މާލޭގެ ކޯޓުތަކުން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އަދި އަތޮޅުތަކުގެ ރަށްރަށުގެ ކޯޓުތަކުން ނަމަ 30 ދުވަހުގެ ތެރޭގައި ލިޔެކިއުންތައް ހުށަހަޅަންޖެހެއެވެ. އެހެންނަމަވެސް، މި އިސްލާހުގައި ހުށަހަޅާފައިވަނީ ރާއްޖޭގެ ހުރިހާ ދަށު މަރުހަލާގެ ކޯޓަކުން ވެސް ހައިކޯޓަށް ލިޔެކިއުން ހުށަހެޅުމަށް އެއް ހަމައަކުން 14 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
ހަމައެއާއެކު، ޝަރީޢަތްތަކުގެ ދެފުށްފެންނަ މިންވަރު އިތުރުކުރުމުގެ ގޮތުން، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ ހާލަތެއްގައި ފިޔަވައި، ހައިކޯޓުގައި ހިންގާ ހުރިހާ ޝަރީޢަތުގެ އަޑުއެހުންތައް ވެސް ބާއްވަންވާނީ ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅި މައިގަނޑު ސަބަބެއް ކަމަށް ބިލުގައި ފާހަގަކޮށްފައިވަނީ، ޝަރުޢީ ކޯޓުތައް އެކުލެވިގެންވާ ގޮތާއި، ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅިފައިވާ ގޮތުގެ އިތުރުން، ކޯޓުތަކުގެ އިސް މަޤާމުތައް ހަމަޖެހިފައިވާ އުސޫލުތައް ހިމެނޭހެން އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމާ ގުޅޭ މުހިންމު ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ހިންގުން ހަލުވިކުރުމެވެ.