އައްޑޫ ސިޓީ ހުޅުދޫ އާއި މީދުއާ ދެމެދު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ސްޕީޑް ފެރީގެ ޚިދުމަތް އަންނަ އަންގާރަ ދުވަހު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި ހުޅުމީދުއަށް އަލަށް މި ތަޢާރަފްކުރާ ރޫޓުގެ ސަބަބުން، އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ލުއިފަސޭހަކަމެއް ލިބި، ރައްޔިތުންނަށާއި ކަސްޓަމަރުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދެވޭނެއެވެ. އެއްފަސްކޮށް އޮންނަ ހުޅުދު އާއި މީދޫން ހިއްސާކުރާ ބަނދަރާއި ގަމާ ދެމެދު ކުރާ މި ދަތުރުތަކަށް ހޭދަވާނީ އެންމެ 21 މިނެޓެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ ދަތުރުތަކުގެ ތާވަލުގައިވާ ގޮތުން، ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު ވެސް ގަމުން ސްޕީޑް ފެރީގެ ހަތަރު ދަތުރު ކުރާނެއެވެ.
ހުކުރު ފިޔަވައި އެހެން ދުވަސްތަކުގައި ގަމުން ފެރީ ފުރާ ގަޑިތައް:
- ހެނދުނު 7:05 ގައި
- މެންދުރު 11:35 ގައި
- މެންދުރުފަހު 15:05 ގައި
- ރޭގަނޑު 20:20 ގައި
މީގެ އިތުރުން، ހުކުރު ދުވަހު ވެސް ގަމުން ހުޅުމީދުއަށް ސްޕީޑް ފެރީގެ ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހެނދުނު 9:05 ގައި، މެންދުރުފަހު 15:05 ގައި އަދި ރޭގަނޑު 20:20 ގައެވެ.
މި އައު ރޫޓާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫގެ ދަތުރުފަތުރުގެ ވިއުގަ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.