ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރާ މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލުގެ ބިން ހަމަޖެހި، ޢަމަލީ މަސައްކަތަށް ތައްޔާރުވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 500 އެނދުގެ މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލަށް ބޭނުންވާ ބިން ހަމަޖެހި، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މި ބޮޑު މަޝްރޫޢަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
”މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް، އެގޮތުން ޓެކްނިކަލް ރިކުއަޔަމަންޓްސް ކަނޑައެޅުމާއި ޚިދުމަތްތައް ޕްލޭންކުރުމާއި އިންޖިނިއަރިންގެ ފަރުމާތައް އެކުލަވައިލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަން ދަންނަވާލަން،“ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނައިރު، އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަނީ ކެންސަރު ބައްޔަށެވެ. ކޮންމެ އަހަރަކުވެސް މިފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ދިވެހިންގެ އެތައް ބަޔަކު ބޭރު ޤައުމުތަކަށް ދާންޖެހޭތީ، ސަރުކާރުގެ އަމާޒަކީ މިފަދަ ގިނަ ބަލިތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފެންވަރު ރަނގަޅު މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލެއް ޤާއިމުކުރުމެވެ. މީގެ ކުރިން ވަޒީރު ވިދާޅުވެފައިވަނީ، މި ހޮސްޕިޓަލުގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ ކުރިން ނިންމައި، ކެންސަރަށް ބޭނުންވާ އަސާސީ ފަރުވާ މި ހޮސްޕިޓަލުން ދޭން ފެށޭނެ ކަމަށެވެ.
މި ހޮސްޕިޓަލް ޚާއްޞަ ކުރެވިގެންދާނީ ހަމައެކަނި ކެންސަރު ބައްޔަކަށް ނޫނެވެ. އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ގިނަ ޚިދުމަތްތަކެއްވެސް މި ހޮސްޕިޓަލުން ލިބިގެންދާނެއެވެ. އެގޮތުން ހިމެނޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

  • މާބަނޑު މީހުންނަށް ދޭ އެކިއެކި ޚިދުމަތްތައް
  • ފެމިލީ ޕްލޭނިންގ ސަރވިސް
  • ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާ
  • ކުޑަކުދިންގެ ޚާއްޞަ ބަލިތަކަށް ދޭ ފަރުވާ
  • އުރަމަތީގެ ކެންސަރާއި ރަޙިމުގެ ދޮރުގެ ކެންސަރަށް ސްކްރީން ކުރުން
  • ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދޭ އައިޔޫއައި (IUI) އަދި އައިވީއެފް (IVF) ގެ ޚިދުމަތް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، އެ ސަރަޙައްދުގައި މިވަގުތު ސިއްޙީ ޚިދުމަތް ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގެ ދަށުން ހިންގާ ކްލިނިކަކުން އެކަންޏެވެ. މީގެއިތުރުން އިތުރު ޖީޕީ ކްލިނިކެއް ހުޅުވުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ. އެހެންކަމުން އަލަށް ބިނާކުރާ 500 އެނދުގެ މި ހޮސްޕިޓަލް ވެގެންދާނީ ހުޅުމާލެ ފޭސް 2 ގައި ތަރައްޤީ ކުރެވޭ އެންމެ ފުރަތަމަ ހޮސްޕިޓަލަށެވެ.