ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު އިންޑިއާގެ މަޝްހޫރު ކްރޫޒުލައިނާއެއް ކަމަށްވާ ”އެމްއެސް ކޯޑީލިއާ އެމްޕްރެސް“ ރާއްޖެއަށް އަތުވެއްޖެއެވެ. އިންޑިއާގެ ކޮޗިންއިން ފުރައިގެން ރާއްޖެ އައި މި ކްރޫޒުލައިނާއިން ދަތުރުކުރި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ވެރިރަށް މާލެއަށް ފައިބައި، މާލޭގެ އެކި ސަރަޙައްދުތައް ބަލައިލުމުގައި ވަގުތު ހޭދަކޮށްފައެވެ.
މި ކްރޫޒްލައިނާ ރާއްޖެ އައުމާއެކު، އޭގެއިން ދަތުރުކުރި 1,628 ފަތުރުވެރިންނާއި، 588 ފަޅުވެރިން ނުވަތަ ކްރޫ މެންބަރުންނަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.

”ކޯޑީލިއާ ކްރޫޒަސް“ އަކީ އިންޑިއާގެ ކުންފުންޏަކުން އޮޕަރޭޓްކުރާ މަޤުބޫލު ކްރޫޒުލައިނެކެވެ. މި ކްރޫޒުލައިނާގެ ދަތުރުތަކުގެ މައިގަނޑު މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެއާއި، އަވައްޓެހި ސްރީލަންކާގެ އިތުރުން އިންޑިއާގެ އެކި ސިޓީތަކެވެ. މި ދަތުރުގައި ބޭނުންކުރި ”އެމްޕްރެސް އޮފް ދަ ސީޒް“ އަކީ އެއްފަހަރާ 1,600 އާއި 1,910 އާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން އަދި 671 ފަޅުވެރިން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބޮޑު ކްރޫޒު ޝިޕެކެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ބައިނަލްއަޤްވާމީ ކްރޫޒުލައިނާތަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މަންޒިލެކެވެ. އަދި މިއަހަރުގެ މިހާތަނަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކްރޫޒުލައިނާތައް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ކްރޫޒުލައިނާތަކުން ރާއްޖެއަށް 17,061 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ. ސަބަބަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި މިފަދަ އުޅަނދުފަހަރުގައި ރާއްޖެ އައިސްފައިވަނީ 8,263 ފަތުރުވެރިން ކަމަށް ވާތީއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށް ވުރެ ބޮޑު އިތުރުވުމެކެވެ.