އައު ސްޓޭޑިއަމް އެޅުމަށް ނިއުކާސަލްގެ 25 އިންސައްތަ ހިއްސާ ވިއްކާލަނީ.

އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް، ނިއުކާސަލް ޔުނައިޓެޑްގެ 25 އިންސައްތަ ހިއްސާ ވިއްކާލުމަށް، އެ ކްލަބުގެ މައި ހިއްސާދާރު ކަމަށްވާ ސަޢޫދީ ޢަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) އިން ނިންމައިފިއެވެ.
ސަޢޫދީ ސަރުކާރުގެ ބާރު އޮންނަ ޕީއައިއެފްއިން މިވަގުތު ނިއުކާސަލްގެ 85 އިންސައްތަ ހިއްސާ ކޮންޓްރޯލް ކުރަމުން އަންނައިރު، އެ ފަންޑުން ހާމަކޮށްފައިވާ ގޮތުގައި ހިއްސާ ވިއްކާލަން ނިންމީ ކްލަބުގެ އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއަކަށް ފައިސާ ހޯދުމަށެވެ. އެގޮތުން، މިހާރު އެ ކްލަބުން ބޭނުންކުރަމުން އަންނަ ތާރީޚީ ސެއިންޓް ޖޭމްސް ޕާކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ބޮޑު އައު ސްޓޭޑިއަމެއް ބިނާކުރުމަށް ބޭނުންވާ ފަންޑު ހޯދުމަކީ މި ވަގުތު އެންމެ ބޮޑު އަމާޒެވެ.
އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ސްޓޭޑިއަމްގެ މަޝްރޫއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޕައުންޑް ޚަރަދުވާނެއެވެ. އަދި މި ސްޓޭޑިއަމް ވެގެންދާނީ އެއްފަހަރާ 65،000 އާއި 72،000 އާ ދެމެދުގެ އަދަދަކަށް ސަޕޯޓަރުންނަށް ވަދެވޭނެ ފަދަ ޖާގަ ތަނަވަސް ތަނަކަށެވެ.
މި 25 އިންސައްތަ ހިއްސާ ވިއްކާލުމާ ގުޅިގެން ޕީއައިއެފްގެ ކޮންޓްރޯލް އޮންނަ މިންވަރަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެ ފަންޑުގެ އެންމެ ބޮޑު ސަމާލުކަމެއް މިހާރު ހުރީ ކްލަބުގެ ވަސީލަތްތައް ފުޅާކޮށް ކުރިއެރުވުމަށެވެ. ހިއްސާ ވިއްކުމުގެ މި މުހިންމު މުއާމަލާތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ޕީއައިއެފްއިން މިހާރު ވަނީ އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯގަންއާ ހަވާލުކޮށްފައެވެ.
ނިއުކާސަލް ޔުނައިޓެޑަކީ 2021 ވަނަ އަހަރު 400 މިލިއަން އެމެރިކާ ޑޮލަރަށް ސަޢޫދީ ފަންޑުން ގަނެފައިވާ ކްލަބެކެވެ. އޭގެ ފަހުން އެ ކްލަބުން އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު އެ ކްލަބުން ވަނީ ނިއުކާސަލް އެއާޕޯޓް ކައިރީގައި ދުނިޔޭގެ ފެންވަރުގެ ޒަމާނީ ޓްރެއިނިން ފެސިލިޓީއެއް އެޅުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ. ނިއުކާސަލްއިން އުއްމީދު ކުރަނީ 2029-2030 ގެ ސީޒަނާ ހަމައަށް އެ ޓްރެއިނިން ސެންޓަރުގެ މަސައްކަތް ނިންމައި، އެތަނަށް ބަދަލުވެވޭނެ ކަމަށެވެ.