އެނބުރި ފުޓްބޯޅައިގެ ކޯޗިންގގެ ދަނޑަށް ނުކުންނާނީ ޤައުމީ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ކަމަށް، ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މެންޗެސްޓަރ ސިޓީގައި ކާމިޔާބު 10 އަހަރު ހޭދަކުރުމަށްފަހު، 2025-2026 ވަނަ އަހަރުގެ ސީޒަނަށްފަހު ކޯޗިންގއާ ދުރަށް ޖެހިލައިގެން ހުރި ގާޑިއޯލާ މިކަން ހާމަކުރީ ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮމާރިއޯގެ ޔޫޓިއުބް ޗެނަލަށް ދިން ޚާއްޞަ އިންޓަވިއުއެއްގައެވެ.
އުމުރުން 55 އަހަރުގެ ކޯޗު ބުނި ގޮތުގައި، ކޮންމެ ދުވަހަކު ކްލަބް ލެވެލްގައި ކޯޗިންގ މަސައްކަތުގައި މެދުކެނޑުމެއްނެތި އުޅޭތާ މިހާރު 18 އަހަރު ވެއްޖެއެވެ. އެހެންކަމުން މި ވަގުތު އޭނާއަށް ދިގު ބްރޭކެއް ނުވަތަ އަރާމުކޮށްލާނެ ވަގުތު ބޭނުންވާ ކަމަށާއި، އަވަސް އަރުވާލައިގެން އަލުން މަސައްކަތަށް އެނބުރި އައުމުގެ އެއްވެސް ވިސްނުމެއް މިވަގުތު ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ.
ސިޓީގެ ކޯޗުކަން ދޫކޮށްލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަން އޭނާއަށް ހުށަހެޅި ކަމަށާއި، ނަމަވެސް އެ ހުށަހެޅުމަށް އިންކާރުކުރީ މެދުކެނޑުމެއް ބޭނުންވެފައި ހުރި ވަގުތަކަށް ވުމުން ކަމަށް ގާޑިއޯލާ ބުންޏެވެ. ”ދެ އަހަރެއްހާ ދުވަސް ކުރިން އެ ހުށަހެޅުން ލިބުނުނަމަ، އެކަން ޤަބޫލުކުރުމުގެ ފުރުޞަތު ވަރަށް ބޮޑުވީސް،“ ގާޑިއޯލާ ބުންޏެވެ.
މީގެއިތުރުން، މައުރީސިއޯ ޕޮޗެޓީނޯ މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވުމާ ގުޅިގެން ހުސްވެފައިވާ އެމެރިކާގެ ޤައުމީ ޓީމުގެ ކޯޗުކަމަށް ގެންނަން އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ބޮޑަށް ޝައުޤުވެރިވާ ކޯޗަކީވެސް ގާޑިއޯލާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ބާސެލޯނާއާއި ބަޔާން މިއުނިކްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު، މެންޗެސްޓަރ ސިޓީއާއެކު ޕްރިމިއަރ ލީގުގެ 6 ތަށްޓާއި އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުނީ، ދަނޑަށް އެނބުރި އަންނާނެ ވަކި ތާރީޚެއް ބުނަން އަދި ނޭނގޭ ކަމަށެވެ. އަދި އޭނާ އަލުން ފެންނާނީ އަމިއްލަ ނަފްސު އެކަމަށް ފުރިހަމައަށް ތައްޔާރުވެ، އޭނާގެ އިރުޝާދާއި އެހީތެރިކަން ޤައުމީ ޓީމަކުން ބޭނުންވާ ދަނޑިވަޅެއްގައި ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.