ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ދޭން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަތޮޅުތެރޭގެ ރަށްރަށުގައި ދުއްވާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ލާޒިމުވާ ބައެއް މުހިންމު ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އަވަސް ލުޔެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
އެގޮތުން ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ރަށްރަށުގައި ފަސިންޖަރުންނާއި މުދާ އުފުލުމަށް ޢާންމުކޮށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތަކަކީ، ޤާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކުރެވިފައެވެ. މިއާއެކު މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓަރީކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިގެން ގޮސްފައެވެ. މީގެއިތުރުން، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި އުޅަނދުތައް ރަޖިސްޓަރީކުރުމާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތައް މަޢާފުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ހަމައެއާއެކު، ރާއްޖެއަށް އިމްޕޯޓްކުރިތާ ގިނަދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓަރީކުރުން ލާޒިމްކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ މިފަދަ އުޅަނދުތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ފަރާތްތަކަށް ވެސް މިނިސްޓްރީން ވަނީ ބޮޑު ލުޔެއް ފަހިކޮށްދީފައެވެ. އެގޮތުން، އެފަދަ އުޅަނދުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ނެތް ކަމުގައި ވިޔަސް، އެ އުޅަނދެއްގެ ރޯޑްވާދިނަސް (ދުއްވުމަށް އެކަށީގެންވާކަމުގެ) ލިޔުމަށް ބެލުމަށްފަހު ރަޖިސްޓަރީކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިންމުމަކީ އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރާއި އިޤްތިޞާދީ މަސައްކަތްތަކުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ސަރުކާރުގެ މި ނިންމުމާއެކު، ޤަވާޢިދާ އެއްގޮތަށް އުޅަނދުތައް ރަޖިސްޓަރީކޮށްގެން ދުއްވުމުގެ ފުރުޞަތު އެތައް ރައްޔިތުންނަކަށް މިހާރު ވަނީ ތަނަވަސްވެފައެވެ.