ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ އައު ޤަވާއިދަށް ޢަމަލުކުރަން ފަށައިފި.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލި ”ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދު“ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، އެ ޤަވާއިދަށް ރަސްމީކޮށް ޢަމަލުކުރަން ފަށައިފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މި އައު ޤަވާއިދު އެކުލަވައިލާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބޭރު ފައިސާއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 32/2024) ގެ ދަށުންނެވެ. މި އައު ޤަވާއިދު ގެޒެޓްކުރުމާ ގުޅިގެން، މީގެކުރިން އެމްއެމްއޭގެ ޤާނޫނުގެ ދަށުން ހަދައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ޢަމަލުކުރަން ފެށި ”މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވާއިދު“ (2024/R-92) އާއި، 2025 ވަނަ އަހަރު އެ ޤަވާއިދަށް ގެނައި އިސްލާޙުތައް މިހާރު ވަނީ އުވާލައިފައެވެ.
މި އައު ޤަވާއިދުގެ ދަށުން ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކުރުމުގެ ނިޒާމަށް ވަނީ މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކުރިން އޮތް ލައިސަންސް ޓިއާތައް އުވާލައި، ދެން ދޫކުރާނީ އެންމެ ލައިސަންސެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް، ލައިސަންސް ލިބޭ ފަރާތްތަކުން ވިޔަފާރި ހިންގާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
އެ ދެ ކެޓަގަރީއަކީ:

  1. ކެޓަގަރީ-އޭ: ޢާންމު ރައްޔިތުންނަށާއި، ވިޔަފާރިތަކަށާއި، އެހެނިހެން އެންމެހައި ފަރާތްތަކަށް ޚިދުމަތް ދިނުން.
  2. ކެޓަގަރީ-ބީ: ހަމައެކަނި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޚިދުމަތް ދިނުން.

މީގެއިތުރުން، މި ވިޔަފާރި ހިންގުމަށްޓަކައި ބަހައްޓަންޖެހޭ މާލީ ޔަޤީންކަން ނުވަތަ ސެކިއުރިޓީ ޑިޕޮސިޓަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ލައިސަންސް ހޯދުމަށް މީގެކުރިން ބަހައްޓަންޖެހޭ 100,000 އެމެރިކާ ޑޮލަރުގެ ސެކިއުރިޓީ ޑިޕޮސިޓް ވަނީ 200,000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ. އަދި ވިޔަފާރި ހިންގުމަށް އިތުރުކުރާ ކޮންމެ ތަނަކަށް (ބްރާންޗަކަށް) ބަހައްޓަންޖެހޭ ޑިޕޮސިޓްގެ އަދަދު 50,000 އެމެރިކާ ޑޮލަރުން 100,000 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ.
އެމްއެމްއޭއިން މި ބަދަލުތައް ގެނެސްފައިވަނީ ރާއްޖޭގެ ބޭރު ފައިސާ މާރުކުރުމުގެ ބާޒާރު ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގައި، ބޭރު ފައިސާއާ ބެހޭ އައު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މި ވިޔަފާރި އިތުރަށް ތަންޒީމުކުރުމުގެ މަޤްޞަދުގައެވެ.