ސައުތު އޭޝިއަން ގޭމްސްއަށް އަމާޒުކޮށް ގައުމީ ވޮލީ ޓީމުތަކުން ފަރިތަކުރުންތައް ފަށައިފި.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ސީނިއާ ވޮލީބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.
މާލޭގައި ފެށި މި ފަރިތަކުރުންތަކާ އެކު، ގައުމީ ޓީމުގެ ޓްރައިއައުޓްތައް ކުރިއަށްގެންދިއުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ނިންމާފައެވެ. އެގޮތުން، ގައުމީ ޓީމާ ގުޅެން ޝައުގުވެރިވާ ހުރިހާ ކުޅުންތެރިންނަށް ވެސް މި ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ގައުމީ ޓީމުން މިހާ ދުރާލާ ފަރިތަކުރުންތައް ފެށުމުގެ މައިގަނޑު ބޭނުމަކީ އަންނަ އަހަރު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް، ރާއްޖެއަށް މެޑަލް ހޯދައިދިނުން ކަމަށެވެ. އަދި މި މުބާރާތަކީ އަބަދުވެސް ގައުމީ ޓީމުތަކުން ދުރާލާ ވަރުގަދައަށް ތައްޔާރުވާ މުބާރާތެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ވޮލީ ޓީމުތަކުން މި މުބާރާތަށް އަމާޒުކޮށް ފަރިތަކުރުންތައް ފެށި ނަމަވެސް، ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލުން ވަނީ މިދިޔަ ބުދަ ދުވަހު މި މުބާރާތް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފައެވެ. އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ތާވަލުކުރި މި ގޭމްސް، އެކި ސަބަބުތަކާ ހުރެ މިހާތަނަށް 6 ފަހަރެއްގެ މަތިން ވަނީ ފަސްކުރަން ޖެހިފައެވެ.

މި ފަރިތަކުރުންތައް ފެށުނު ނަމަވެސް، ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް އެކި ސަބަބުތަކާ ހުރެ އަދި ފަރިތަކުރުންތަކާ ގުޅިފައިނުވާކަން ވީއޭއެމްގެ އޮފިޝަލަކު ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ގޭމްސްއަށް ގައުމީ ވޮލީ ޓީމުން ތައްޔާރުވާން ފެށިއިރު، ގައުމީ އަންހެން ވޮލީ ޓީމުގެ ލީޑަޝިޕަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. އެގޮތުން، ގިނަ ދުވަސްތަކެއް ވަންދެން ކެޕްޓަންކަން ކުރި ހައްވާ ރާޝިދާގެ އަތުން އެ ޒިންމާ ނެގުމަށްފަހު، އަންހެން ޓީމުގެ އައު ކެޕްޓަނަކަށް މިހާރު ހަމަޖައްސާފައިވަނީ ޒުވާން ހުނަރުވެރި ތަރި އައިމިނަތު ޝަހާ ޝާމިންއެވެ.