ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި ބާއްވާ ރާއްޖޭގެ އެންމެ ބިޔަ ވަޒީފާއާއި ހުނަރުގެ ހަރަކާތް ”ވަރަ އެކްސްޕޯ 2026“ ބޮޑެތި ޕާޓްނަރުންނާއެކު ރަސްމީކޮށް ފަށައިފިއެވެ. މި އެކްސްޕޯ ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމްއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި އެމްބެސެޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ޤައުމުގެ އަމާންކަން ކަށަވަރުކޮށް، މަސައްކަތްތެރިން ބާރުވެރިކުރުމާއި ޑިޖިޓަލް ކުރިމަގު ބިނާކުރުމަށް އެކުލަވާލާފައިވާ ”އަމާންކަމާއި ޚިދުމަތްތައް ބަދަލުކުރުމުގެ އައު ޒަމާނެއް 2023-2026“ ފޮތްވެސް މި ރަސްމިއްޔާތުގައި ވަނީ ނެރެދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، މި އެކްސްޕޯގެ ޒަރީއާއިން 35،000 އެއްހާ ޒުވާނުން ޒިޔާރަތްކޮށް، ހުށަހެޅިފައިވާ ވަޒީފާތަކުގެ ފުރުޞަތު ހޯދައި، ”ވަރަ“ ގެ ބާރުގައި ކުރިއަށްދާނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން އަދާކުރަންޖެހޭ އެންމެ ބޮޑު އެއް ޒިންމާއަކީ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށާއި، މި ސަރުކާރުން އެކަމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި މުޖުތަމަޢަށް ބޭނުންތެރި ޤާބިލު ޒުވާނުންތަކެއް ބިނާވެގެން ދިޔުމަކީ އެންމެ ބޮޑު އަމާޒު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ މި އެކްސްޕޯއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް ދައްކާލުމަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި ވަޒީފާ ހޯދަން އެދޭ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، މަސައްކަތުގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި މާހައުލެއް ޤާއިމުވެގެންދާނެއެވެ.
މިފަހަރުގެ އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސަން ސިޔާމް ރިސޯޓްސްއެވެ. މީގެއިތުރުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ގިނަ ކުންފުނިތަކަކުންވެސް ވަނީ އެކި ދަރަޖައިގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ފެށުނު މި އެކްސްޕޯ އިންތިޒާމުކޮށްފައިވަނީ މައިގަނޑު 4 ޒޯނަކަށް ބަހާލައިގެންނެވެ. އެއީ:
- ކެރިއަރ ޒޯން (34 ބައިވެރިން)
- އެޑިއުކޭޝަން ޒޯން (32 ބައިވެރިން)
- ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން (19 ބައިވެރިން)
- މާކެޓު ޒޯން (73 ބައިވެރިން)
ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށްވެސް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ މިއަދު ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށެވެ. މިއީ ތަޢުލީމީ ޙަޔާތް ނިންމައި ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު މައިދާނަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި އިރުޝާދު ލިބޭނެ މުހިންމު ފުރުޞަތަކަށް ވާތީ، ވީހާވެސް ގިނަ ޒުވާނުންނާއި ޢާންމު ރައްޔިތުން މި އެކްސްޕޯއަށް ޒިޔާރަތްކުރުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.