އާރުޑީސީގެ މަސައްކަތްތައް ރަސްމީކޮށް އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
އެމްޓީސީސީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އާރުޑީސީގެ އެންމެހައި މަސައްކަތްތައް މިހާރު ކުރިއަށްދަނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އާރުޑީސީން ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫޢުތަކެއްގެ ފުރިހަމަ ޒިންމާ ދެން އުފުލަމުންދާނީ އެމްޓީސީސީން ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ސަރުކާރުން ހަލުވި އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އާރުޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ ނިމިދިޔަ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ނިންމެވުމާ ގުޅިގެން، ކުންފުނިތައް އެއްކޮށްލުމުގެ މަރުޙަލާގެ ތެރެއިން، މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެ މަޤާމުން ވަކިކުރައްވާފައެވެ. އަދި އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ ވަނީ ހަމަޖައްސަވާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުފެއްދި އާރުޑީސީއަކީ، އެ ވެރިކަމުގައާއި ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައިވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުންފުންޏެކެވެ.
މީގެއިތުރުން، އުސޫލުން ބޭރުން ސިޔާސީ ބޭނުންތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމާއި، ހިންގުމުގެ ނިޒާމުގައި ހުރި މައްސަލަތަކާއި ކޮރަޕްޝަންގެ އެކި ތުހުމަތުތަކާ ގުޅިގެން، އެ ކުންފުނި އޮތީ މާލީ ބޮޑު އަނދަވަޅެއްގެ ތެރޭގައެވެ. ސަރުކާރުން މިހާރު ފަށާފައިވާ މި ބަދަލާއެކު، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރެވި، މަގުހެދުމުގެ މަޝްރޫޢުތައް މެދުކެނޑުމެއްނެތި އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.