ޤާސިމް އިބްރާހީމަށް ބައިނަލްއަޤްވާމީ ޝަރަފުވެރި އެވޯޑެއް ލިބިވަޑައިގެންފި.

އޭޝިއާ ސެންޓަރ ފޯރ އެންޓަޕްރެނުއަރޝިޕުން ދޭ ”އޭޝިއާސް ބެސްޓް އެންޓަޕްރެނުއަރ ފިލެންތްރޮޕިސްޓް 2026“ އެވޯޑު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޤާސިމް އިބްރާހީމަށް އަރުވައިފިއެވެ. މި އެވޯޑު އެމަނިކުފާނަށް އަރުވާފައިވަނީ ވިޔަފާރިއާއި އިޖުތިމާޢީ ދީލަތި އެހީތެރިކަމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މެލޭޝިއާގައި ބޭއްވި މި ޚާއްޞަ ޙަފުލާގައި ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން އެވޯޑާ ޙަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ޢުމަރު އަރުކާން ޤާސިމެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ. މަރިޔަމް ޝަބީނާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، މި ޙަފުލާގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެމަނިކުފާނަށް މެލޭޝިއާގެ ”ފާދަރ އޮފް އެންޓަޕްރެނުއަރޝިޕް ޑިވެލޮޕްމަންޓް“ ގެ ޝަރަފުވެރި ލަޤަބު ވަނީ އަރުވާފައެވެ.

މި ޝަރަފުވެރި އެވޯޑު ޙާޞިލުކުރެއްވި ޤާސިމް އިބްރާހީމަކީ ރާއްޖޭގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު 1976 ވަނަ އަހަރު އާދައިގެ ވިޔަފާރިއަކުން ފަށްޓަވައި، އުފެއްދެވި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏަށް ހައްދަވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރެއްވުމަށް ގިނަ ރިސޯޓުތަކެއް ތަރައްޤީކުރެއްވުމުގެ އިތުރުން، މާމިގިލީ އެއަރޕޯޓާއި ”ފްލައިމީ“ އެއަރލައިން ޤާއިމުކުރައްވައި، އެމަނިކުފާނުގެ ކުންފުނިތައް މެދުވެރިކޮށް އެތައް ހާސް ދިވެހީންނަށް ވަނީ ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވާފައެވެ.
ވިޔަފާރީގެ އިތުރުން އިޖުތިމާޢީ އަދި އިންސާނީ އެހީތެރިކަމުގެ ދާއިރާގައި ވެސް ޤާސިމް އިބްރާހީމް ވަނީ ނަމޫނާ ޚިދުމަތްތަކެއް ކުރައްވާފައެވެ. ޚާއްޞަކޮށް ރާއްޖޭގައި އާސަންދަ ފަދަ ޞިއްޙީ ރައްކާތެރިކަމުގެ ސްކީމްތައް ތަޢާރަފުވުމުގެ ކުރިން، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަންޖެހުނު އެތައް ސަތޭކަ ރައްޔިތުންނަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމާއި މާލީ އެހީތެރިކަން އެމަނިކުފާނު ވަނީ ދީލަތިކަމާއެކު ފޯރުކޮށްދެއްވާފައެވެ.
ޤައުމީ އަދި ސިޔާސީ މައިދާނުގައިވެސް ޤާސިމަކީ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރެކެވެ. އެގޮތުން 2008 ވަނަ އަހަރު ތަޞްދީޤުކުރި ފެހި ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރައްވައި، އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމެވުމުގައި އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. މީގެއިތުރުން ދައުލަތުގެ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އެމްއެމްއޭގެ ގަވަރުނަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މެންބަރުކަންވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވި މިފަދަ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 2025 ވަނަ އަހަރު ދައުލަތުން ވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޤާސިމް އިބްރާހީމަށް އަރުވާފައެވެ.