ބައެއްގެ ތެރޭގައި ފާޙިޝް ކަންކަން ޢާންމުވެއްޖެ ނަމަ، އެބައެއްގެ ތެރޭގައި ޠާޢޫން ބައްޔާއި، މީގެ ކުރިން ދެކެފައި ނުވާފަދަ ނުރައްކާތެރި ބަލިތައް ނުފެތުރި ނުދާނެކަމަށް، މާތް ނަބިއްޔާގެ ޙަދީޘްފުޅެއްގެ އަލީގައި މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ”ފާޙިޝް ޢަމަލުތަކާ ދުރުހެލިވާށެވެ!“ މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ބަޔާންކުރި ގޮތުގައި ފާޙިޝް ކަންކަން މާނަކުރެވެނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމެއްގެ ގޮތުގައެވެ. އަދި އޭގެ ތެރެއިން ސިއްރާއި ފާޅުގައި ކުރެވޭ ކޮންމެ ޢަމަލަކީވެސް ޙަރާމްވެގެންވާ ކަމެއްކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން ސާބިތުވާކަން ޚުތުބާގައި ފާހަގަކުރިއެވެ.
ފާޙިޝް ކޮންމެ ކަމަކީ ޙަރާމް ކަމަކަށް ވީހިނދު، އެފަދަ ނުބައި ކަންކަން މުޖުތަމަޢުގައި ފަތުރަން މަސައްކަތްކުރާ މީހުނަށް، ﷲ ތަޢާލާގެ ލަޢުނަތް ހުރިކަން ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގެ އަލީގައި ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. މިފަދަ މުންކަރާތްތަކުގެ ތެރެއިންވެސް ޒިނޭ އާއި ލިވާޠުގެ ނުބައިކަމުގެ ވާހަކަ ވަކީން ޚާއްސަކޮށް މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އިބްނު މާޖާ ރިވާކުރައްވާފައިވާ މާތް ނަބިއްޔާގެ ޙަދީޘްފުޅެއް ގެންނަވަމުން ޚުތުބާގައި ބުނީ، ”ބަޔަކު މީހުންގެ މެދުގައި ފާޙިޝު ޢަމަލުތައް ފެތުރި، އެކަން ޢާންމުކޮށްފި ކޮންމެ ހިނދަކު، އެބައިމީހުންގެ މެދުގައި ޠާޢޫން ބައްޔާއި އެބައިމީހުންގެ ކާބަފައިންގެ ޒަމާނުގައި ނުދެކޭ ވޭންދެނިވި ބަލިތައް ނުފެތުރި ނުދެއެވެ.“ އެހެންކަމުން މިއީ މުޅި މުޖުތަމަޢަށް އޮތް ބޮޑު އިންޒާރެއްކަން ޚުތުބާގައި ހާމަކުރިއެވެ.
އިންސާނާގެ ޠަބީޢަތުގައިވާ އެދުންތައް ފުއްދުމުގައި އިސްލާމްދީން ހުއްދަކުރާ ޝަރުޢީ މަގު އިޚްތިޔާރުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގެ އަލީގައި ބަޔާންކުރި ގޮތުގައި، އިންސާނުންގެ ތެރެއިން ފިރިހެނުންނާއި އަންހެނުން އުފައްދަވާފައިވަނީ އެބައިމީހުންގެ ނަސްލު ދެމެހެއްޓުމަށާއި ކައިވެނީގެ އުފާ ލިބިގަތުމަށްޓަކައެވެ.
އެހެންކަމުން މުސްލިމުންގެ ތެރޭގައި ފާޙިޝް ކަންކަން ނައްތާލައި، ހެއުގޮތުގައި ކައިވެނިކުރަން ބާރުއެޅުމުގެ ގޮތުން އެފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް، ތަނަވަސްކަން ހުރި ފަރާތްތަކުން އެހީތެރިވުމަށް ނޫރު ސޫރަތުގެ 32 ވަނަ އާޔަތުގެ އަލީގައި ޚުތުބާގައި އިލްތިމާސްކުރިއެވެ. އަދި އެއްވެސް ގޮތަކުން ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހުންނަށް އޮތީ ރޯދަހިފުންކަން ކީރިތި ރަސޫލާގެ އިރުޝާދުގެ އަލީގައި ހަނދާންކޮށްދިނެވެ.
ޚުތުބާ ނިންމާލަމުން ވަނީ، ދުނިޔޭގެ އެންމެހައި އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަން ދަނެ، އެ އުފަލާއި އަރާމު ޙާސިލުކުރުމުގައި އިސްލާމްދީން ދައްކަވާފައިވާ ޞައްޙަ، ރިވެތި ގޮތްތަކުގެ މަތީގައި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް ނަޞޭޙަތްތެރިވެފައެވެ.