ދިއްދޫ ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބު ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފި.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދައި، އޮޑި ސްޕޯޓްސް ކުލަބުން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ހުކުރު ދުވަހު ހަވީރު ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މި މެޗު އޮޑި ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު، އޮޑި ސްޕޯޓްސް ކުލަބަށް ލީގު ތާވަލުގެ ތިންވަނަ ލިބެނީ ކުޅުނު 8 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.
މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނު އޮޑި ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އޮޑިއަށް ކާމިޔާބުކޮށްދިނީ ހުޑްސަން ޑިއާސް ޑި ޖީސުސްއެވެ. މިއީ އެ ޓީމުގެ މުހައްމަދު ސާމިރު ނަގައިދިން ހުރަހަކަށް މުޅިން ހުސްކޮށް އަރައި، ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ހުޑްސަން ކާމިޔާބުކުރި ރީތި ލަނޑެކެވެ.

ފުރަތަމަ ލަނޑަށްފަހު ވެސް ލީޑު ފުޅާކުރުމަށް އޮޑިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި ދިއްދޫ ޓީމުގެ ކީޕަރު މުހައްމަދު ޝިފާން ވަނީ މޮޅު ކުޅުމެއް ދައްކައި، ގިނަ ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް އޮޑި ސްޕޯޓްސް ކުލަބުން އެޓޭކިންގ ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އަހުމަދު އައިހަމް (އައިހު) އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދިއްދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް މުޅިން ހުސްކޮށް ވަދެ، ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ލީގުގައި އޮޑި ސްޕޯޓްސް ކުލަބަށް ދެން އެންމެ އަވަހަށް އޮންނާނީ ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.