ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ވީހާވެސް ގިނަ ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގެ ތެރެއިން އާންމު ފަރާތަކުން ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅޭގޮތުން ހިއްސާކުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކި އާންމު ރައްޔިތަކު ވަނީ، އޭނާގެ ފިރިމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި، އެ އާއިލާއަށް ވެސް ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަން ފަދަ އަސާސީ ކަންކަން އެއްވެސް އިރެއްގައި ސިޔާސީ ކަންކަމާ ނުގުޅުވާނެ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ފިކުރަކަށް ނުވަތަ ވިސްނުމަކަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު މި ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން މުޖުތަމަޢުގައި އެންމެ ނިކަމެތި ހާލުގައި އުޅޭ ފަރާތްތަކަށް އިސްކަންދީގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުޞޫލުގެ ދަށުން ޢަމަލުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”ޕާޓީއަށް ވަނުން، ނުވަނުން އެފަދަ އެހެންކަމެއްވެސް، އެގޮތަށް ނުވިސްނަވާތި. މިހާރުވެސް ކަނޑައެޅިފައިވާ އުޞޫލުތައް ހުންނާނެ. އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަށް، އެންމެ ރަނގަޅު ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދޭނެ ގޮތްތައް ކަނޑައެޅިފައި އެބަހުރި.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެމަނިކުފާނާ ބައްދަލުކުރި އެހެން ބައެއް ފަރާތްތަކުންވެސް ވަނީ މާލޭގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައެވެ. އަދި މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭ ޓީޗަރުންނަށް ލިބެންޖެހޭ ރިސްކު އެލަވަންސް ނުލިބޭ މައްސަލަވެސް އެފަދަ މުދައްރިސަކު ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމްގައި ރައްޔިތުން ފާހަގަކުރި ހުރިހާ ކަންބޮޑުވުންތަކާއި ހުށަހެޅި މައްސަލަތައް ވަރަށް ގާތުން ބައްލަވައި، އެކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.