ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެސްޓޭޓް ސެކިއުރިޓީ ސާރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގި ސެކިއުރިޓީ އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި 150 އޮފިސަރުން ދަސްވެނިވެއްޖެއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ޤައުމުގެ މުހިންމު ދޮރާއްޓެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެމްއޭސީއެލްގެ ލީޑަރޝިޕުން ދެއްވާ އަހައްމިއްޔަތަކީ ދައުލަތުގެ އެހެން އިދާރާތަކާއި ކުންފުނިތަކުންވެސް ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ. ދަސްވެނިވި އޮފިސަރުންގެ ޑިސިޕްލިންއާއި ޑްރިލް ހުރި މަތީ ފެންވަރަށް ތަޢުރީފު ކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ކުރިއަށް އޮތް އަހަރުވެސް އެމްއޭސީއެލްއާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ދިވެހި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި، މި ތަމްރީނު ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެ އެޑްވާންސް ޕްރޮގްރާމަކަށް ބަދަލުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މައި ނާރު ކަމަށްވާތީ، އެއާޕޯޓުގެ ސެކިއުރިޓީއަކީ އެއްވެސް ޙާލަތެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީ އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ ހަމައެކަނި ކުންފުނީގެ ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ނުހަނު މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެއާޕޯޓުގެ ލޭންޑްސައިޑް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަލަށް ތަޢާރަފުކުރި އެސްޓޭޓް ސެކިއުރިޓީ ސާރވިސްގެ މުވައްޒަފުން ތަމްރީނުކޮށް ބިނާކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރާ މުހިންމު ދައުރަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެންސީޕީއެލްއީގެ ސެންޓަރ ފޮރ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ ހަ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރޭގައި ސެކިއުރިޓީ އޮފިސަރުންގެ އަޚުލާޤާއި، މަސައްކަތުގެ މާޙައުލުގައި ހިފަހައްޓަންޖެހޭ ރިވެތި އާދަތަކުގެ އިތުރުން، ދާއިރާއާ ގުޅުންހުރި މުހިންމު ޤާނޫނުތަކާއި، ދިމާވާ މައްސަލަތައް ޤާނޫނީ އަދި ޢަމަލީ ގޮތުން ޙައްލުކުރާނެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ. މީގެއިތުރުން، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފިޒިކަލް ފިޓްނަސްއާއި، މަސައްކަތުގެ މައިދާނުގައި އަމިއްލަ ނަފްސާއި އެހެން މީހުން ރައްކާތެރިކުރުމަށް ބޭނުންވާ ސެލްފް ޑިފެންސްގެ ތަފާތު އުކުޅުތައްވެސް ބައިވެރިންނަށް ވަނީ އުނގަންނައިދީފައެވެ.