ކައުންސިލް އަދި ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފި.

ބައެއް ރަށްރަށުގެ ކައުންސިލް ރައީސުންގެ މަޤާމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ.
މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލުގެ ރައީސާއި، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސްގެ އިތުރުން ވ. ތިނަދޫ އަދި އައްޑޫސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުން ހޮވުމެވެ.

މި މަޤާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ތަފްޞީލަކީ:

ވ. ތިނަދޫ ކައުންސިލް ރައީސް: ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓަކާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓެއް.
ހއ. ވަށަފަރު ޑަބްލިއުޑީސީ ރައީސް: އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި، ޕީއެންސީގެ ކެންޑިޑޭޓެއް.
އައްޑޫސިޓީ ހުޅުދޫ ޑަބްލިއުޑީސީ މެންބަރު: ޕީއެންސީގެ ކެންޑިޑޭޓަކާއި، އެމްޑީޕީގެ ކެންޑިޑޭޓެއް.
ވ. ތިނަދޫ ޑަބްލިއުޑީސީ މެންބަރު: އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި، އެމްޑީޕީގެ ކެންޑިޑޭޓެއް.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 10 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގައި ބެހެއްޓި 5 ވޯޓުފޮއްޓާއި، ގްރޭޓަރ މާލެ ސަރަޙައްދުގައި ބެހެއްޓި 5 ވޯޓުފޮއްޓެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 3,776 ފަރާތަކަށް ލިބިގެންވެއެވެ. އަދި އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށްޓަކައި 81 އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، މޮނިޓަރުންނާއި، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ”ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް [email protected] އަށް އީމެއިލް ކުރުމުގެ އިންތިޒާމު އީސީން ވަނީ ހަމަޖައްސާފައެވެ.
މި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގައެވެ.