ކާނަލް ރިޓަޔަރޑް އާދަމް އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުޙޫމް އާދަމް އިބްރާހީމް މަނިކު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މަރުޙޫމަކީ 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ދިފާޢުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބަޠަލެކެވެ.
ޚާއްޞަކޮށް، އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނިކޮށް، ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރައްވައި، އެމީހުންގެ ހަރަކާތްތައް ބެއްލެވުމުގެ މަތިވެރި ޢަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ރައީސް ވަނީ މަރުޙޫމް ސިފަކުރައްވާފައެވެ.
މީގެއިތުރުން، ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު ކުރެއްވި އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިފައިންގެ ތަފާތު ޔުނިޓްތައް ކާމިޔާބުކަމާއެކު ހިންގެވި ސިފަވަންތަ ކޮމާންޑަރެއް ކަމަށެވެ. އަދި ސިފައިންގެ ޚިދުމަތުގެ ދިގު މާޒީގައި ހިންގާފައިވާ ތަފާތު ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އިޚުލާޞްތެރި ޚިދުމަތްތެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ފުން ހިތާމައިގެ ވަގުތުގައި، މަރުޙޫމް ކާނަލް (ރިޓަޔަރޑް) ބިލާލް އާދަމް މަނިކުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހި އަސްކަރިއްޔާގެ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމުންނެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަޙްމަތާއި މަޣުފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ލަހައްޓަވާށި އެދި ދުޢާ ދަންނަވަމުންނެވެ.